އަންނައަހަރު ބާއްވާ އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓަށް ކޮލިފައިވުމަށް ކުޅޭ އޭޝިއާ ބައްރުގެ ކޮލިފިކޭޝަންގައި ރާއްޖެއިން ވަރުގަދަ ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.

ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކްސް މުބާރާތުގެ އަންހެން ފުޓުބޯޅަ އިވެންޓަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަނުގައި ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނެނީ އިރާނާއި މިޔަންމާ އަދި ބަންގްލަދޭޝް އެވެ. އެއީ އޭޝިއަން ކޮލިފިކޭޝަނުގެ ގްރޫޕް ބީ އެވެ.

ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅޭނީ މި އަހަރުގެ އޭޕްރިލް މަހުގެ ތިންވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާ ހަމައަށެވެ. އެހެންނަމަވެސް މެޗުތައް ކުޅޭނެ ވަކި ސަރަހައްދެއް އޭއެފްސީން އަދި ނިންމާފައެއް ނުވެއެވެ.

ކޮލިފައިންގެ ފުރަތަމަ ބުރުގައި ރާއްޖޭގެ އަންހެން ގައުމީ ޓީމުން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިޔަންމާއާއެވެ. ދެވަނަ މެޗުގައި އީރާނާ ދެކޮޅަށް ރާއްޖެއިން ކުޅޭއިރު މި ބުރުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝް އަކީ އެންމެ ފަހުން ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕުގެ ޗެމްޕިއަނުންނެވެ.

މުބާރާތުގެ ކޮލިފިކޭޝަން ފޯމެޓަށް ބަލާލާއިރު، ފީފާ އަންހެން ފުޓްބޯޅައިގެ ރޭންކިންއަށް ބަލައި، އެންމެ މަތިން ރޭންކް ކޮށްފައިވާ އޭޝިއާގެ ފަސް ގައުމު ވަނީ އޮޓޮމެޓިކުން ދެވަނަ ބުރަށް ކޮލިފައިވެފައެވެ. އެއީ އުތުރު ކޮރެއާއާއި ޖަޕާންގެ އިތުރުން އޮސްޓްރޭލިއާއާއި ޗައިނާ އަދި ދެކުނު ކޮރެއާއެވެ.

ފުރަތަމަ ބުރުގައި ހިމެނޭ ހަތް ގްރޫޕުން ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމު، ދެވަނަ ބުރަށް ހޮވޭނެއެވެ. ބާރަ ގައުމުގެ މެދުގައި ކުޅޭ ދެވަނަ ބުރުން ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ތިން ގްރޫޕްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާނެރޭ ދެވަނަ ޓީމު ހޮވޭނީ ތިންވަނަ ބުރަށެެވެ. ތިންވަނަ ބުރުގައި ހިމެނޭ ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅުމަށްފަހު، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ގައުމަކަށް 2024 ވަނަ އަހަރު ޕެރިިހުގައި ބާއްވާ އޮލިމްޕިކްސް އިން ފުރުސަތު ލިބޭނެއެވެ.

ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު އީދުން ފުރުސަތު ހޯދުމަށް ރާއްޖޭގެ ގައުމީ އަންހެން ޓީމަށް މުހިންމު މެޗުތަކެއް ކުރިއަށް އޮތްއިރު، އެންމެފަހުން ރާއްޖޭގެ އަންހެން ގައުމީ ޓީމުން ވާދަވެރި މެޗެއް ކުޅެފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެ މެޗުގައި ޕާކިސްތާނާ ދެކޮޅަށްކުޅެ ރާއްޖޭގެ ޓީމު ބަލިވީ 0-7ގެ ނަތީޖާއަކުންނެވެ. އެއީ ސާފް ވިމެންސް ޗެމްޕިއަންޝިޕުގައެވެ. އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން 0-3 އިން ބަލިވިއިރު، ދެވަނަ މެޗުގައި އިންޑިއާ އަތުން ބަލިވީ 0-9ގެ ނަތީޖާއަކުންނެވެ.

2020 ވަނަ އަހަރުގެ އޮލިމްޕިކްސް ކޮލިފިކޭޝަނުގައި ވެސް ރާއްޖެއިން ވާދަކުރިއިރު އެފަހަރުގެ ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނުނީ ޖޯޑަންއާއި އިންޑޮނީޝިއާ އަދި ފަލަސްޠީނާ އެއް ގުރޫޕެއްގައެވެ. އެފަހަރުގެ ކޮލިފިކޭޝަނުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމު ދިޔައީ ގުރޫޕުގެ ފުލަށެވެ.