އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެންޗަސްޓާ ޑާބީގައި މެންޗަސްޓާ ޔުނައިޓެޑުން އެ ޓީމުގެ އެންމެބޮޑު ވާދަވެރިޔާ، މެންޗަސްޓާ ސިޓީގެ މައްޗަށް ފަހަތުން އަރައި ކުރިހޯދައިފިއެވެ.

އެންމެފަހުގެ ސީޒަނުގެ ޗެމްޕިއަންކަން ހޯދައި، މި ސީޒަނުގެ ވެސް ފޭވަރިޓެއްގެ ގޮތުގައި އޮތް ސިޓީގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުގެ ދަނޑު، އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެޗުގެ ޕޮޒެޝަން އިންސައްތަ ޑޮމިނޭޓުކުރީ ވެސް ސިޓީންނެވެ. އެހެންނަމަވެސް މެޗުގައި ގިނަ ހަމަލާތަކެއް އުފައްދައި، އޮން ޓާގެޓަށް ގިނަ ހަމަލާ ފޮނުވާލީ ޔުނައިޓެޑުންނެވެ.

ވާދަވެރިކަން ބޮޑު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދެއެވެ. އެހެންނަމަވެސް ދެވަނަ ހާފު ފަށައިގެން 15 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑެއްޖަހައި ލީޑު ނަގާފައެވެ. 60 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝްއެވެ.

މެޗު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ، ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މާކަސް ރަޝްފޯޑެވެ. ސިޓީގެ ލަނޑަށް 18 މިނެޓުފަހުން ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ، ކަސެމީރޯގެ އެހީތެރިކަމާއެކު ބްރޫނޯ ފެނާންޑޭޒްއެވެ. އޭގެ ހަތަރުމިނެޓު ފަހުން ޔުނައިޓެޑަށް މެޗުގައި ލީޑު ނަގައިދީ، މެޗުން އެ ޓީމު މޮޅުކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ ރަޝްފޯޑެވެ.

މި ލަނޑާއެކު އޭނާ ވަނީ ކުލަބު ރެކޯޑަކާ އަރައި ހަމަކޮށްފައެވެ. ޔުނައިޓެޑުން މި ސީޒަނުގައި އެންމެފަހުން ކުޅުނު ހަތް މެޗުގައި ވެސް ރަޝްފޯޑު ލަނޑު ޖަހާފައިވާއިރު، މިއާއެކު ރަޝްފޯޑަކީ، ރޮނާލްޑޯ އަށްފަހު ޔުނައިޓެޑްގެ ޖާޒީގައި ޖެހިޖެހިގެން ހަތް މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 2008 ވަނަ އަހަރު މިފަދައިން ޖެހިޖެހިގެން ހަތް މެޗުގައި ލަނޑު ޖަހާފައެވެ.

މެންޗަސްޓާ ޑާބީގެ ތެރެއިން-- ފޮޓޯ/ގެޓީ އިމޭޖަސް

މީގެއިތުރުން ރަޝްފޯޑަށް މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިން އަލެހަންދްރޯ ގާނާޗޯ އަކީ، ޕްރިމިއާ ލީގުގައި މެންޗަސްޓާ ޑާބީ މެޗެއްގައި އެސިސްޓް ކޮށްދިން އެންމެ ހަގު ކުޅުންތެރިޔާ ވެސް މެއެވެ. އޭނާ މި ރެކޯޑު ހަދާފައި މިވަނީ އުމުރުން 18 އަހަރާއި 187 ދުވަހުގެ ތެރޭގައެވެ.

މެޗުން ބަލިވެ މެންޗަސްޓާ ސިޓީއަށް ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު ފަރަގުކުޑަކުރަން ލިބުނު ފުރުސަތު ގެއްލުނުއިރު، ޔުނައިޓެޑުން މިވަނީ ތާވަލުގެ ތިންވަނައަށް ޖެހިލައި، ދެވަނައިގައި އޮތް ސިޓީއާ ދެމެދު އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ޔުނައިޓެޑުން ވަނީ 18 މެޗުން 38 ޕޮއިންޓު ހޯދާފައެވެ. ސިޓީއަށް ލިބެނީ 39 ޕޮއިންޓެވެ. އެއްވަނައިގައި އޮތް އާސެނަލް، އެއްމެޗު މަދުން ކުޅެ 44 ޕޮއިންޓު ހޯދާފައިވެއެވެ.

މި ދެ ޓީމަށް ވެސް މި ފެށޭ ހަފްތާގެ ތެރޭގައި މެޗު ކުޅެން ޖެހޭނެއެވެ. އެގޮތުން ބުދަ ދުވަހުގެރޭ ޔުނައިޓެޑުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭއިރު، ބުރާސްފަތި ދުވަހުގެރޭ ސިޓީން ޓޮޓެންހަމްއާ ދެކޮލަށް ނުކުންނާނެއެވެ.