މި އަހަރުގެ ފުރުތަމަ ފަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ، ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ބޮޑުތަނުން ދަށްވެފައިވާކަން މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސްހިސާބުން ދަށްކައިފިއެވެ.

މިނިސްޓްރީން އެންމެފަހުން އާންމުކުރި، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސްގެ ތަފާސްހިސާބުން ދަށްކާގޮތުން، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 61.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، ނިމިދިޔަ 2022 ވަނަ އަހަރު މި މުއްދަތުގައި ދައުލަތައް ލިބިފައިވަނީ 217.6 މިލިއަން ރުފިޔާއެވެ. މިއީ 71.6 އިންސައްތައިގެ ދަށްވުމެކެވެ.

މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 23.1 މިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 38.6 މިލިއަން ރުފިޔާ ހިމެނެއެވެ.

އެގޮތުން ރިސޯޓު ކުލީގެ ގޮތުގައި 32.6 މިލިއަން ރުފިޔާ ލިބުނުއިރު ޖީއެސްޓީގެ ގޮތުގައި 14.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އަހަރުގެ ފުރުތަމަ ފަސް ދުވަހު ދައުލަތުގެ އާމްދަނީ 61.9 މިލިއަނުގައި ހުރިއިރު، މިމުއްދަތުގައި ދައުލަތުން ހޭދަކުރީ 664.5 މިލިއަން ރުފިޔާއެވެ. ނިމިދިޔަ 2022 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދު ހުރީ 207.8 މިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއަހަރުގެ ފުރުތަމަ ފަސް ދުވަހުގެ ތެރޭގައި އާމްދަނީ ދަށަށް ގޮސް، ހަރަދު ބޮޑުތަނުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ދައުލަތުން ހޭދަކުރި 664.5 މިލިއަން ރުފިޔާގެ ތެރޭގައި މުސާރައާއި އިދާރީ އަދި ހިންގުމަށްކުރި ހަރަދާއި ލޯނުތައް އަނބުރާ ދެއްކުމަށްކުރި ހަރަދު ހިމެނެއެވެ.

އެގޮތުން ދައުލަތުގެ ހަރަދުތަކުގެ ތެރެއިން 295.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ މުސާރަ އާއި އިދާރީ އަދި ހިންގުމުގެ ހަރަދަށެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 90.5 މިލިއަން ރުފިޔާ އަދި ލޯނުތައް އަނބުރާ ދެއްކުމަށް 278.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ދައުލަތުން ކުރި ހަރަދުތަކުގެ ތެރޭގައި ސަބްސިޑީތަކަށް ހޭދަކުރި 171 މިލިއަން ރުފިޔާ ހިމެނޭއިރު ތަރައްގީގެ މަޝްރޫއުތައް ވަނީ 89.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.