ނޭޕާލްގައި އާންމުން ގޮވައިގެން ދަތުރުކުރި މަތިންދާ ބޯޓެއް ވެއްޓި 40 މީހުން މަރުވެއްޖެއެވެ.

ނޭޕާލްގައި އޮޕަރޭޓްކުރާ ޔެޓީ އެއަރލައިންސްގެ އޭޓީއާރް 72 މަރުކާގެ މަތިންދާ ބޯޓު މިއަދު ވެއްޓިފައިވަނީ ނޭޕާލްގެ ހުޅަނގުގެ ޕޮކާރާގެ ފަރުބަދަމަތީ ސަރަހައްދަކަށެވެ.

ނޭޕާލް ސިފައިންގެ ތަރުޖަމާނު ކްރިޝްނާ ބަންޑާރީ ވިދާޅުވީ، ބޯޓު ވެއްޓި ބިންމަތީގައި ޖެހި ފުނޑުފުނޑުވެފައިވާ ކަމަށެވެ.

ޔެޓީ އެއަރލައިންސްގެ ތަރުޖަމާނު ސުދަރްޝަން ބާރޓުއަލާ ވިދާޅުވީ، ބޯޓު ވެއްޓުނުއިރު އޭގައި 72 މީހުން ތިބި ކަމަށާއި، އޭގެތެރޭގައި ތުއްތު ދެކުދިންނާއި، 4 ކްރޫ މެމްބަރުންގެ އިތުރުން، ބޭރު ގައުމުތަކުގެ 10 މީހުންވެސް ދަތުރުކުރި ކަމަށެވެ.

މީހުން ސަލާމަތްކުރާ ޓީމުތަކުން މިހާރު ގެންދަނީ ބޯޓު ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އާންމުންވެސް އެ ސަރަހައްދަށް ޖަމާވެފައި ވެއެވެ.

ސިފައިންގެ ތަރުޖަމާނު ވިދާޅުވީ، މިހާތަނަށް ފެނިފައިވަނީ 40 މީހުންގެ ހަށިގަނޑު ނަމަވެސް، އިތުރު މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.ނޭޕާލްގެ ޓީވީތަކުން ގެންދަނީ، ބޯޓު ވެއްޓިފައިވާ ސަރަހައްދުން ކަޅު ބޯ ދުންތައް އަރަމުންދާ މަންޒަރު ދުރަށް ދައްކަމުންނެވެ.

މިއަދު ވެއްޓުނު ބޯޓު އޮޕަރޭޓްކުރާތާ 15 އަހަރު ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނިމުނު 2022 ވަނަ އަހަރުގެ މެއިމަހުގެ، ނޭޕާލްގައި އޮޕަރޭޓްކުރާ ޓާރާ އެއަރގެ މަތިންދާ ބޯޓެއް ވެއްޓި، ބޯޓުން ދަތުރުކުރި 22 މީހުން މަރުވިއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ނޭޕާލްގެ 16 މީހުންނާއި، އިންޑިއާގެ 4 މީހުންނާއި ޖަރުމަނު 2 މީހުންނެވެ.

ޕޮކާރާއިން ފުރައިގެން ޖޮމްސޮމްއަށް ދަތުރު ކުރަނިކޮށް ވެއްޓުނު މިބޯޓު ވެއްޓިފައިވާ ސަރަހައްދު ފެނުނީ އެއްދުވަސް ފަހުންނެވެ.

2018 ވަނަ އަހަރުވެސް ޔޫއެސް-ބަނގްލާ އެއަރލައިންސްގެ މަތިންދާ ބޯޓެއް، ވެރިރަށް ކަތުމަންޑޫގެ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވެއްޓި، 51 މީހުން މަރުވިއެވެ.

ކަތުމަންޑޫއަށް ދަތުރުކުރި ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ ބޯޓެއްވެސް ވެއްޓި 167 މީހުން މަރުވެފައިވާއިރު، ކަތުމަންޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ކައިރިއަށް ތައި އެއަރވޭޒްގެ ބޯޓެއްވެސް ވެއްޓި 113 މީހުން މަރުވެފައި ވެއެވެ.

ނޭޕާލަކީ ފަރުބަދަމަތީ ގައުމެއް ކަމުން، ފަރުބަދަތަކަށް އެރުމަށް އަންނަ މީހުންނާއި، ހިނގާފައި ދާން އުނދަގޫ ސަރަހައްދުތަކަށް ދަތުރުކުރާ މީހުންނާއިގެން، ނޭޕާލްގައި ވައިގެ ދަތުރުފަތުރު މިފަހުން ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައި ވެއެވެ.

އެހެންނަމަވެސް، އެކަށީގެންވާ ތަމްރީނުތައް ލިބިފައި ނެތުމާއި، މެއިންޓެނަންސްގެ ކަންތައްތައް ދޯދިޔާކަމުން، މަތިންދާ ބޯޓު ދަތުރުފަތުރުގެ ރައްކާތެރިކަން ވަރަށް ކުޑައެވެ.

ރައްކާތެރިކަން ކުޑަކަމުން، ނޭޕާލްގެ އެއްވެސް މަތިންދާ ބޯޓަކަށް ޔޫރަޕިއަން ޔޫނިއަންގެ ސަރަހައްދަށް ވަނުން މިހާރުވެސް އޮންނަނީ މަނާކޮށްފައެވެ.

ނޭޕާލްގެ އެއަރޕޯޓްތަކަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއަރޕޯޓްތަކެވެ. އެންމެ މޮޅު ޕައިލެންޓުންނަށްވެސް ނޭޕާލްގެ އެއަރޕޯޓްތަކަށް ބޯޓު ޖެއްސުމަކީ ބޮޑު ގޮންޖެހުމެކެވެ.

އަނެއްކޮޅުން، ޚާއްސަކޮށް ފަރުބަދަތައް ގިނަ ރަށްފުށުގެ ހިސާބުތަކުގައި މޫސުން ހުރިގޮތް ދެނެގަނެވޭނެ އެކަށީގެންވާ އާލާތްތައް ގާއިމްވެފައި ނެތުމަކީ، ބޯޓުތައް ވެއްޓުމުގެ ހާދިސާތައް ހިނގުމަށް މެދުވެރިވެފައިވާ ސަބަބު ކަމަށް އެއަރލައިން އޮޕަރޭޓަރުން ބުނެފައި ވެއެވެ.