މިހިނގާ 2023 ވަނަ އަހަރު ފެށުނުފަހުން މިއަދުގެ ނިޔަލަށް އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު އުދުވާނީ ބާރުތަކުން ހަމަލާދީ ޝަހީދުކުޅަ ފަލަސްތީނު މީހުންގެ އަދަދު 13 އަށް އަރައިފިއެވެ.
ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި އަދަދުތައް ބުނާގޮތުން، އިސްރާއީލުގެ އަނިޔާވެރި ބާރުތަކުން ޝަހީދުކުރި 13 މީހުންގެ ތެރޭގައި 3 ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިއަދުވެސްވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ އުފްރާ އަވަށުގައި އުމުރުން 45 އަހަރުގެ މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައެވެ.
އިސްރާއީލުގެ ޓެރަރިސްޓް ސިފައިންނާއި، ފުލުހުން ގެންދަނީ، ގުދުސްއާއި، ހުޅަނގު އައްސޭރީގެ އަވަށްތަކަށް ބަރު ހަތިޔާރާއެކު ކޮންމެ ދުވަހަކު ވަދެގަނެ، ފަލަސްތީނު މީހުންގެ ގޔަށް ބަޑިޖަހައި، އެތައް ބަޔަކަށް އަނިޔާކޮށް އެތައް ބަޔަކު ހައްޔަރު ކުރަމުންނެވެ.
އަދި ފަލަސްތީނު އާއިލާތަކުގެ ގެދޮރުތައް ތަޅައި ސުންނާފަތިކޮށް، އާއިލާތައް މަގުމަތި ކުރަމުންވެސް ގެންދެއެވެ.
ނަތަންޔާހޫއާއެކު ކޯލިޝަން ހަދައިގެން އިސްރާއީލުގެ ވެރިކަމަށް ދުރު ކަނާތުފިޔައިގެ ހަރުކަށި ވެރިން އައިފަހުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން އިންތިހާއަށް އިތުރުކޮށް ފުޅާކޮށްފައި ވެއެވެ.
ނިމުނު 2022 ވަނަ އަހަރުގެ ތެރޭގައި، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި، ޣައްޒާގައި ހިންގި ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނުގެ 231 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. މީގެތެރެއިން 173 މީހުން ނިސްބަތްވަނީ ހުޅަނގު އައްސޭރިއަށެވެ.
"ޑިފެންސް އޮފް ޗިލްޑްރަން އިންޓަރނޭޝަނަލް – ޕަލެސްތައިން" އިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، 2022 ވަނަ އަހަރު އިސްރާއީލުގެ އުދުވާނުތަކުން ޝަހީދުކޮށްލި ފަލަސްތީނު މީހުންގެތެރޭގައި 61 ކުޑަކުދިން ހިމެނޭ ކަމަށެވެ.
މީގެތެރެއިން 44 ކުޑަކުދިން ހުޅަނގު އައްސޭރިއަށް ނިސްބަތްވާއިރު، ޣައްޒާއިން 17 ކުޑަކުދިން މިދިޔަ އަހަރުގެ ތެރޭގައި ޝަހީދު ކޮށްލާފައި ވެއެވެ.
އިސްރާއީލުގެ މިހާރުގެ ހަރުކަށި، އަނިޔާވެރި ސަރުކާރުން އަންގައިގެން ފަލަސްތީނުގެ ރަށްތަކުގައި އަނިޔާވެރިކަން އިތުރުކޮށް، ލޭއޮހޮރުވުންތައް ހިންގަމުން ގެންދާއިރު، އިންސާނީ ހައްގުތަކޭ ކިޔައި ދުނިޔޭގައި އަނގަފުޅާކޮށްގެން އުޅޭ ގައުމުތަކުން ތިބީ ޔަހޫދީންގެ ދަށުވެ، ފިތިފައެވެ.
ފަލަސްތީނު ރައްޔިތުންގެ ހިމާޔަތަށް އދއަށްވެސް އެއްވެސް ކަމެއް ކުރެވޭތަނެއް ނުފެނެއެވެ.