ނޭޕާލްގައި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 68 އަށް އަރައިފިއެވެ.
ނޭޕާލްގައި އޮޕަރޭޓްކުރާ ޔެޓީ އެއަރލައިންސްގެ އޭޓީއާރް 72 މަރުކާގެ މަތިންދާ ބޯޓު މިއަދު ވެއްޓިފައިވަނީ ނޭޕާލްގެ ހުޅަނގުގެ ޕޮކާރާގެ ފަރުބަދަމަތީ ސަރަހައްދަކަށެވެ.
ނޭޕާލް ސިފައިންގެ ތަރުޖަމާނު ކްރިޝްނާ ބަންޑާރީ ވިދާޅުވީ، ބޯޓު ވެއްޓި ބިންމަތީގައި ޖެހި ފުނޑުފުނޑުވެފައިވާ ކަމަށެވެ.
ޔެޓީ އެއަރލައިންސްގެ ތަރުޖަމާނު ސުދަރްޝަން ބާރޓުއަލާ ވިދާޅުވީ، ބޯޓު ވެއްޓުނުއިރު އޭގައި 72 މީހުން ތިބި ކަމަށާއި، އޭގެތެރޭގައި ތުއްތު ދެކުދިންނާއި، 4 ކްރޫ މެމްބަރުންގެ އިތުރުން، ބޭރު ގައުމުތަކުގެ 10 މީހުންވެސް ދަތުރުކުރި ކަމަށެވެ.
މީހުން ސަލާމަތްކުރާ ޓީމުތަކުން މިހާރު ގެންދަނީ ބޯޓު ވެއްޓުނު ސަރަހައްދުގައި އަދިވެސް ހަރަކާތްތެރިވަމުން ގެންދާއިރު، ނޭޕާލް ސިވިލް އޭވިއޭޝަނުން ބުނީ، މަރުވި މީހުންގެ އަދަދު 68 އަށް އަރާފައިވާ ކަމަށެވެ.
މިހާތަނަށް ފެނިފައިވާ މީހުންގެ ތެރެއިން ތިރީސް މީހެއްގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ފޮނުވިފައިވާ ކަމަށާއި، އިތުރު މީހުންގެ ހަށިތައް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. ބައެއް މީހުންގެ ހަށިތައް އަދި ނުފެންނަ ކމަށްވެސް ބުނެފައި ވެއެވެ.
މަތިންދާ ބޯޓު ވެއްޓި ޖެހުނީ ފަރުބަދަމަތީ ސަރަހައްދެއްގައިކަމުން، ބޯޓުގެ އެއްބައި، ވެއްޓުނު ތަނުގައި އޮތްއިރު، އަނެއްބައި ތިރީ ސަރަހައްދުން ކޯރެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އެހެންވެ، ބޯޓުގެ ބައިތަކުގެ ތެރޭގައި ތިބި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމަށްޓަކައި އެ ސަރަހައްދަށް މިހާރުދަނީ ކެނޭންތައް ޖަމާކުރަމުންނެވެ.
މި ހާދިސާ މިހާރު ވެގެންގޮސްފައިވަނި ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ނޭޕާލްގައި ހިނގި އެންމެ ހިތާމަވެރި ވައިގެ ހާދިސާއަށެވެ.
،ބޯޓު ވެއްޓުނުއިރު މޫސުންވެސް އޮތީ ރީތިކޮށް ކަމަށާއި، އެހެންކަމުން ބޯޓު ވެއްޓެން މެދުވެރިވީ ކީއްވެގެންކަމެއް އަދި ސާފު ނުވާކަމަށް ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ނޭޕާލް ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ، ބޯޓު ވެއްޓުމުގެ ކުރިން އެއަރޕޯޓާ ކޮންޓެކްޓް ކުރި ކަމަށާއި، ހަމަ އެވަގުތު ބޯޓު ވެއްޓުނީ ކަމަށެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނެފައިވަނީ، ބޯޓު ވެއްޓުމުގެ ކުރިން ދެ ފަރާތަށް އެނބުރުމަށްފަހު ސީދާ ތިރިއަށް ވެއްޓުނީ ކަމަށެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑީއާގައި އާންމުވެފައިވެއެވެ.
ބޯޓު ވެއްޓުނު ހާދިސާ ތަހްގީގު ކުރުމަށް ނޭޕާލް ސަރުކާރުން މިހާރުވަނީ ޚައްސަ ޕެނަލެއް އެކުލަވާލާފައެވެ.
މިއަދު ވެއްޓުނު ބޯޓު އޮޕަރޭޓްކުރާތާ 15 އަހަރު ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.