މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް)ގެ އޯޕަން ޑޭ އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބާއްވާނެކަން އިއުލާންކޮށްފިއެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި މަތީ ތައުލީމުގެ ޚިދުމަތް ފޯރުކޮށްދެމުންއަންނަ މައި ކޮލެޖުގެ މި އަހަރުގެ އޯޕަން ޑޭ އާއި ކެރިއަރ ގައިޑެންސް ސެޝަން ބޭއްވުމަށް ތާއަވަލުކޮށްފައި ވަނީ 21 ޖެނުއަރީ 2023 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓުގެ މައިގަނޑު މަގުސަދަކީ ޒުވާނުން ޝައުގުވެރިވާ ދާއިރާތައް ދެނެގަނެ، އެ ޒުވާނުންނަށް ކުރިއަށްދާންވީ ގޮތް ބުނެދިނުމެވެ.

.އޯޕަން ޑޭގައި މައި ކޮލެޖުގެ ޕާޓްނަރުންގެ ގޮތުގައި އުރީދޫ، ޕާސަނަލް ކޮމްޕިއުޓަރސް، އެގްރޯ ނެޓް އަދި ޓައިޑްސް ކެފޭ ހަރަކާތްތެރިވުމަށް ވަނީ ނިންމާފައެވެ. އެ ފަރާތްތަކުގެ އިތުރުން މައި ކޮލެޖުގެ ފެކަލްޓީތަކުގެ ސްޓޯލްތައް ވެސް މި އިވެންޓުގައި ހުންނަނާނެއެވެ. އަދި މި އިވެންޓުގައި ކުޅިވަރާއި މަޖާ ހަރަކާތްތަކުގެ އިތުރުން ހަދިޔާ ދިނުންވެސް އޮންނާނެއެވެ.

އޯޕަން ޑޭގައި އޮން ސްޕޮޓްގައި ކޯސްތަކަށް އެޕްލައިކުރާ ފަރާތްތަކުގެ ތެރެއިން ލަކީ ޑްރޯއެއް ނަގައި، 5 ފަރާތަކަށް ޓެބްލެޓް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޓެބްލެޓްގެ އިތުރުން ޕާޓްނަރުންގެ ފަރާތުންވެސް ހަދިޔާތަކެއް ދިނުމަށް ނިންމާފައިވާކަމަށް މައި ކޮލެޖުން ބުނެއެވެ.

މައި ކޮލެޖަކީ މުޅި ރާއްޖޭގައި 16 ބްރާންޗެއްގެ ނެޓްވޯކެއް އޮންނަ ކޮލެޖެކެވެ. އެ ކޮލެޖުން ސެޓްފިކެޓް، ޑިޕްލޮމާ، ގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް، އަދި މާސްޓާސް ފެންވަރުގެ ކޯސްތައް އެކި ސްޓްރީމްތަކުން ހިންގައެވެ. ކޯސްތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އެކައުންޓިން، އަދި ފައިނޭންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސަސް މެނޭޖްމަންޓް، ޕްރައިމަރީ އަދި ސެކަންޑަރީ ލެވެލްގެ ޓީޗިން، އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، ސޮފްޓްވެއާ އިންޖިނިއަރިން، ގްރެފިކްސް އެންޑް މަލްޓިމީޑިއާ، ދިވެހި ބޭސްވެރިކަން އަދި ބަހާއި ގުޅުންހުރި ކޯސްތައް ހިމެނެއެވެ.