ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް "މެކްޑޮނަލްޑްސް ޓްރެވަލް" ޓީވީއާ ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ޙާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕޭނުގައި 35 މިލިއަން މީހުނަށް ފޯރާގޮތަށް 700 މެކްޑޮނަލްޑްސް އައުޓްލެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ.
އެމްއެމްޕީއާރުސީން ބުނީ، މި އިޝްތިހާރުގައި ރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކާލާނެ ކަމަށާއި، އޭގެތެރޭގައި ކަނޑުއަޑީގެ ރީތި މަންޒަރުތަކާއި، ޝިޕްރެކްތަކާއި، ރޮމޭންޓިކް ތަޖުރިބާތަކާއި، ރާއްޖޭގެ މަޝްހޫރު ބީޗްތަކާއި، ރާއްޖެއަށް ޙާއްސަ 'ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް' ހިމެނޭ ކަމަށެވެ.
މި އިޝްތިހާރު ފަރުމާކޮށްވަނީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތައް ކަމަށްވާ ޖަރުމަނުވިލާތް، އޮސްޓްރިއާ، އަދި ސްވިޒަލޭންޑްގެ ފަތުރުވެރިން އިސްކަންދޭ ކަންކަމާއި ތަޖުރިބާތަކަށް އިސްކަންދީގެންނެވެ. މި ކެމްޕެއިންގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަދައްކާ މާކެޓްތަކުގައި ރާއްޖެ ތަމްސީލްވެ ގިނަ އަދަދެއްގެ ބަޔަކަށް ރާއްޖޭގެ މަންޒަރުތައް ފޯރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ޖަރުމަނުގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ މުހިންމު މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން، 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނުވިލާތުން ރާއްޖެއަށް 132،426 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.