ގާނޫނާއި ގަވާއިދާ ޚިލާފަށް ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަމުގެ ވާހަކަތައް ފާޅުގައި ދެއްކުމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ހުރިހާ ސިވިލް ސާވަންޓުންނަށް ގޮވާލައްވައިފިއެވެ.

ބޮޑުވަޒީރުގެ އޮފީހުގެ ސްޓާފުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަންވަރު އިބްރާހިމް ވިދާޅުވީ، ސިވިލް ސާވަންޓުން އަމަލުކުރަންޖެހޭތީ "ޗެކް އެންޑް ބެލެންސް" ގެ ގޮތުގައި ކަމަށާއި، އެގޮތުން، ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ހިނގާނަމަ އެވާހަކަ ދައްކަންޖެހޭނެ ކަމަށެވެ.

އަންވަރު އިބްރާހިމް ވިދާޅުވީ، ސަރުކާރުގެ ކެބިނެޓުގެ އެއްވެސް މިނިސްޓަރަކުވެސް އަދި ޚުދު އެމަނިކުފާނުވެސް، އެކަންކަމުން އެއްކިބާވެގެން ނުވާ ކަމަށެވެ.

ވެރިކަމާ ހަވާލުވެވަޑައި ގެންނެވިއިރު، ފިނޭންސް މިނިސްޓްރީގައި ސުވާލު އުފެދޭ އެތައް ފައިލްތަކެއް އެބަހުރި ކަމަށާއި، އެކަންކަމުގެ އިލްޒާމު މުވައްޒަފުންގެ ބޮލުގައި އެޅުވުމަކީ ފަސޭހަ ކަމެއް ކަމަށް އަންވަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް، ފިނޭންސް މިނިސްޓަރ ނުވަތަ އޭރު ހުންނެވި ބޮޑުވަޒީރުގެ ފަރާތްޕުޅުން އިރުޝާދުތައް ދެވުނުނަމަ، މުވައްޒަފުންނަށް އުސޫލުތަކާ އެއްގޮތަށް ފިޔަވަޅު އެޅުނީސް ކަމަށްވެސް މެލޭޝިޔާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވެފައި ވެއެވެ.

"އެކަމަކު އަޅުގަނޑު މިހާރު ވަރަށް ސާފުކޮށް އަންގައިފިން، ޚުދު އަޅުގަނޑަށްވެސް ގާނޫނާ ޚިލާފަށް ކަމެއް ކުރެވޭނަމަ އެކަން އަންގަން. އަޅުގަނޑުގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގެ މުވައްޒަފުންނާއި، އެހެން މިނިސްޓަރުންގެ އޮފީސްތަކުގައިވެސް އަމަލުކުރަން ޖެހޭނީ މިގޮތަށް"
އަންވަރު އިބްރާހިމް

އަންވަރު އިބްރާހިމް ވިދާޅުވީ، ސަރުކާރުގެ ތެރެއިން ލީކުތައް އުފެދޭނަމަ މެލޭޝިޔާ ގައުމެއްގެގޮތުގައި ކާމިޔާބީއާ ހަމައަށް ވާސިލް ނުވެވޭނެ ކަމަށެވެ.

ކުރީގެ ސަރުކާރުތަކުން ހަދާފައިވާ ކޮންޓްރެކްޓްތަކުގައި ބޮޑެތި ކޮމިޝަންތައް ލައި، އަދި ނުއަގުގައި ކޮންޓްރެކްޓްތައް ހަދާފައިވާކަން އަންވަރު އިބްރާހިމް ފާހަގަ ކުރެއްވިއެވެ. އެކަންކަމުގެ ޒިންމާ ވަކި މީހެއްގެ ބޮލުގައި އަޅުވަނީ ނޫން ކަމަށާއި، ނަމަވެސް އެއީ ހަގީގަތް ކަމަށް އަންވަރު ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހިންގުމާއި، މަގާމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށާއި، އެފަދަ އަމަލުތައް ހުއްޓުވަން އިސްލާހީ ފިޔަވަޅު އެޅުއްވުމަކީ އެމަނިކުފާނުގެ ގާނޫނީ ޒިންމާއެއް ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

އަންވަރު އިބްރާހިމްވަނީ، ސަރުކާރު ހިންގުމަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުކުރަން، ކެބިނެޓް މިނިސްޓަރުންނާއި، ހުރިހާ ސިވިލް ސާވަންޓުން ގަދައަޅައި މަސައްކަތް ކުރަންޖެހޭނޭ ކަމަށެވެ.