ރާއްޖޭގައި ނެތެމުންދާ ގަސްތައް ދެނެގަނެ އާލާކުރުމަށާއި، ސިއްޙަތަށް ފައިދާހުރި ކާނާ އުފެއްދުމަށް، ވެލްނަސް މެޓާސް އިން ކުރިއަށްގެންދިޔަ "ޕްލާންޓް އަ ޓްރީ ޕްރޮޖެކްޓް"އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ވެލްނަސް މެޓާސްގެ ސީއެސްއާރުގެ ދަށުން ”ޕްލާންޓް އަ ޓްރީ ޕްރޮޖެކްޓް“ ގެ ނަމުގައި ފަށައިގެން ހިންގާ ޕްރޮޖެކްޓް މުޅި ރާއްޖެއަށް މިހާރު ވަނީ ފުޅާކޮށްފައެވެ. މި ޕްރޮޖެކްޓް ފެށިތާ 90 ދުވަސް ވެފައިވާއިރު ގިނަ ބައެއްގެ އެއްބާރުލުން ޕްރޮޖެކްޓަށް ލިބިފައިވާކަމަށް ވެލްނަސް މެޓާސްއިން ބުނެއެވެ.

އެގޮތުން 17 ރަށެއްގައި އަމަލީގޮތުން މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދާއިރު 33 އަމިއްލަ ފަރުދުންނާއި ނުވަ މުވައްސަސާގެ އިތުރުން 18 ސްކޫލަކުން ވަނީ ވެލްނަސް މެޓާސްއާ ގުޅިފައެވެ.

ވެލްނަސް މެޓާސްއިން ބުނީ، މި ޕްރޮޖެކްޓްގައި ބައިވެރިވެ އަމަލީގޮތުން މި މަސައްކަތް ކުރަމުންދާ ސްކޫލްތަކުން ދަނީ، އެ ސްކޫލްތަކުގެ ޖަމިއްޔާތަކުން، ދަރިވަރުން މި ހަރަކާތްތަކުގައި ބައިވެރިކޮށް، މައުލޫމާތު ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން ށ. މިލަންދޫ ސްކޫލް، ތ. ވޭމަންޑޫ ސްކޫލް، އަދި ހދ. އަތޮޅު ތައުލީމީ މަރުކަޒުންވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކޮށް، އިންދި ގަސްތަކުން ލިބުނު ތަރުކާރީއާއި މޭވާއިން ނަފާއާއި ފައިދާ ހޯދާފައިކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްސަދަކީ، ހަށިހެޔޮ ދުޅާހެޔޮ ސިއްހަތެއްގައިވާ މާލީގޮތުން ފުދުންތެރި މުޖްތަމައުއެއް ބިނާކުރުމާއި، ޤައުމީ މަންހަޖުގެ ތެރެއިން ދަރިވަރުންނަށް ފައިދާހުރި ކާނާއާބެހޭ މައުލޫމާތު ފޯރުކޮށްދިނުންކަމަށް ވެލްނަސް މެޓާސްއިން ބުނެއެވެ.

ވެލްނަސް މެޓާސްއަކީ މީގެ ފަސް އަހަރުކުރިން ދުޅަހެޔޮ ސިއްހަތެއްގައި އެ ޖަމްޢިއްޔާގެ ފައުންޑަރ، ޒުލްފާ ނަސީރު މެލޭޝިއާގެ ވެލްނަސް އެކްސްޕާޓްސްގެ ޕްރޮގްރާމެއްގައި ބައިވެރިވެ، ހަށިގަނޑަށް އައި ހެޔޮ ބަދަލުން އާއިލާއާއި ބައެއް މެންބަރުންނާއި ގާތްރަހުމަތްތެރިންނަށް އެ ހެޔޮ ބަދަލު ހޯދައިދިނުމަށް ފެށި ޕްރޮގްރާމެކެވެ.

މީގެ ތިން އަހަރުކުރިން ވެލްނަސް މެޓާސްގެ ފަރާތުން ރާއްޖެއަށް ފުރަތަމަ ތަޢާރަފްކުރީ 21 ދުވަހުގެ ފިޓްޖެލެންޓެކެވެ. މި ޕްރޮގްރާމްގެ ތެރެއިން މިއަދާއި ހަމައަށް 14 ކޯޗުން ވަނީ ތަމްރީންކޮށްފައެވެ.