ދިވެހިރާއްޖޭގެ ޓެނިހަށް ބައި ގަރުރެއްހާ ދުވަސް ވެފައިވާއިރު، ފުރަތަމަ ފަހަރަށް ވެރިރަށް މާލެއިން ބޭރުގައި ޓެނިހުގެ ރަސްމީ ހަރަކާތްތަކެއް ހިންގައި، ރާއްޖޭގެ ޓެނިހަށް އިންޤިލާބެއް ގެންނަން ތައްޔާރުވެއްޖެއެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް)އިން ހާމަކޮށްފައިވާ ގޮތުގައި، އެ އެސޯސިއޭޝަނުން އަތޮޅު ތެރޭގައި ޓެނިސް ތައާރަފްކުރުމުގެ މަޝްރޫއުގެ ދަށުން، ޅ. ނައިފަރުގައި މި ހަރަކާތް ވަނީ ފަށާފައެވެ. މިއީ މާލެ ސަރަހައްދުން ބޭރުގައި (ރިސޯޓުތައް ނުހިމަނާ)، ޓެނިސް ކުޅެން ދަސްކޮށްދިނުމުގެ ހަރަކާތް ހިންގާ ފުރަތަމަ ފަހަރެވެ. އަދި މިއީ މާލެ ސަރަހައްދުން ބޭރުގައި، މީހުން ދިރިއުޅޭ ރަށެއްގައި ރަނގަޅު ފެންވަރެއްގެ ޓެނިސް ކޯޓެއް ތަރައްގީކުރާ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

ޓީއޭއެމް އިން ބުނީ، މި ހަރަކާތުގެ މަގްސަދަކީ، މާލެ ސަރަހައްދުން ބޭރުން، އަތޮޅުތެރެއަށް ޓެނިސް ތައާރަފްކޮށް، މި ކުޅިވަރު ކުޅޭ ކުޑަކުދިންނާއި ޒުވާނުން އިތުރުކޮށް، ރާއްޖޭގައި ޓެނިހަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ކުޅިވަރަކަށް ހެދުން ކަމަށެވެ.

ޓީއޭއެމްއިން މައުލޫމާތުދޭ ގޮތުގައި، މި މަޝްރޫއު ރަސްމީކޮށް ފެުމަށް، އެ އެސޯސިއޭޝަންގެ ވަފުދެއް، މި މަހުގެ 13 ވަނަ ދުވަހު ވަނީ ހިންނަވަރަށް ގޮސްފައެވެ. އެ ރަށަށް ޓީއޭއެމްގެ ޓީމުން ކުރި ދަތުރުގައި، ނައިފަރު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން އާންމު ރައްޔިތުންނަށް މި ކުޅިވަރާއި، އެސޯސިއޭޝަންއިން ހިންގަން ފަށާފައިވާ ހަރަކާތާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި އެ ރަށުގައި ހިންގާ ޓްރެއިނިންގްއަށް ކުދިން ހޮވުމުގެ ގޮތުން ދެ ދުވަހުގެ ހާއްސަ ކޭމްޕެއް ބޭއްވިކަމަށް ވެސް ޓީއޭއެމްއިން މައުލޫމާތުދެއެވެ. މި ކޭމްޕުގައި ބައިވެރިވި އެކި އުމުރުފުރައިގެ ކުދިންގެ ތެރެއިން، 300 ކުދިން ހޮވައިލައި، އެ ކުދިންނާއެކު މެދުނުކެނޑި ފަރިތަކުރުންތައް ކުރިއަށް ގެންދާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި އެ ރަށުގައި ހިންގާ ޕްރޮގްރާމުގައި، ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ޓީއޭއެމްގެ ޓެނިސް ކޯޗެއް އެ ރަށުގައި ގާއިމްވެ ހުންނާނެކަމަަށް ވެސް އެސޯސިއޭޝަނުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ކުޅިވަރު ސިޔާސަތާ އެއްގޮތަށް މި މަޝްރޫއުގެ ދަށުން ނައިފަރުގައި ޓެނިސް ކޯޓެއް އެޅުމަށް ނިންމާފައިވާއިރު، މި ކޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޓީއޭއެމްއިން ބުނެއެވެ. މިއާއެކު ނައިފަރުގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ޓެނިސް ކުޅުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދިއުން މިއީ ޓީއޭއެމްގެ އެންމެ ބޮޑު އުއްމީދެވެ.

ޓީއޭއެމް އިން ބުނީ، އެ އެސޯސއިޭޝަންގެ އަމާޒަކީ އަތޮޅުތެރޭގެ އިތުރު ރަށްރަށުގައި ޓެނިސް ތައާރަފްކޮށް، ވީހާވެސް ގިނަ ބަޔަކަށް މި ކުޅިވަރު ކުޅޭނެ ވަސީލަތާއި އިންތިޒާމްތައް ހަމަޖެހުން ކަމަށެވެ.