ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ލުއިފަސޭހަގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ބޭންކުތަކާއި ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފަށައިފިއެވެ.

މިކަމާގުޅިގެން "ވީނިއުސް"އަށް މައުލޫމާތު ދެމުން އެމްއެމްއޭގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިގެނެވޭ ބަދަލުގެ ސަބަބުން އެއްއެމްއޭއިން ބޭންކްތައް މެދުވެރިކޮށް އާމުންނަށް ފޯރުކޮށްދެމުންދާ ޑޮލަރު ދިނުމުގައި ބޭންކްތަކުން އަމަލު ކުރަންޖެހޭނެ އުސޫލަށް އިސްލާހުތަކެއް ގެނެވި، ލުއިފަސޭހަ ގޮތަކަށް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް އެމްއެމްއޭއިން ފަށާފައިމިވަނީ، ބީއެމްއެލްގެ ޚިދުމަތް ހޯދާ ވިޔަފާރިވެރިންނަށް މިހާރަށްވުރެ ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށާއި، ބޭރުގައި ކިޔަވަންތިބޭ ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އެދިވަޑައިގެންފައިވަނިކޮށެވެ. ރައީސް މިކަމަށް އެދިވަޑައިގެންފައިވަނީ ބީއެމްއެލްއަށް، 40 އަހަރު ފުރުމުގެ މުނާޞަބަތުގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްއެމްއޭއިން ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު މަދުކުރުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ފައިސާ ފޮނުވުން ނުވަތަ ޓީޓީ ހެދުމުގެ އުސޫލު ބޭންކުތަކުން ހަރުކަށިކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި ބަދަލާއި ގުޅިގެން ބޭރުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، ބެންކް އޮފް މޯލްޑިވްސްއިން ވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ފޮނުވުން ލިމިޓްކޮށްފައެވެ.

އެގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓިއުޝަން ފީ އާއި ލިވިން އެލަވަންސަށްވާ ޑޮލަރު ދޫކުރާނީ ހަމައެކަނި އޭ ލެވަލް އިން މަތީގެ ޓާޝަރީ ފުލްޓައިމް ދަރިވަރުންނަށާއި، އޭވިއޭޝަން، ލޯ އަދި މެޑިސިން ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގެ ދަރިވަރުންނަށް ކަމަށް ބޭންކުން މީގެކުރިން ވަނީ ބުނެފައެވެ.