މި ޖީލުގެ ފުޓުބޯޅައިގެ އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމަށްވާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި، މިފަހުން އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ކުރިމަތިލުމެއް ފެނިގެންދާނެ މެޗެއް މިވަނީ ތާވަލުކޮށްފައެވެ.

އެއީ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި، މެސީ ކުޅެމުން އަންނަ ޕީއެސްޖީން، ސައުދީގެ އަލް ހިލާލްއާއި އެ ގައުމުގައި ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރުގެ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ، ސައުދީ އޯލް ސްޓާ ޓީމު ބައްދަލުކުރާ މެޗުގައެވެ.

މި މެޗުގައި ސައުދީ އޯލް ސްޓާ ޓީމުގެ ކެޕްޓަންކަން ކުރާނީ ރޮނާލްޑޯކަން ހާމަކުރީ، ސައުދީގެ ގެނެރަލް އޮތޯރިޓީ ފޯ އެންޓަޓެއިންމަންޓުގެ ޗެއާމަން، ތުރުކީ ބިން އަބްދުލް މުހުސިން، މީސްމީޑިއާގައި އާންމުކުރި ވީޑިއޯއެއްގައެވެ. މި ވީޑިއޯއިން، ތުރުކީ ބިން އަބްދުލް މުހުސިން، ރޮނާލްޑޯއާ ކެޕްޓަން ބޭންޑް ހަވާލުކުރާ މަންޒަރު ފެނެއެވެ.

ޔޫރަޕު ފުޓުބޯޅަ ދޫކޮށް މިދިޔަ 2022 ވަނަ އަހަރުގެ ފަހުކޮޅު ސައުދީ އަރަބިއްޔާގެ އަލް ނަސްރު ފުޓުބޯޅަ ކުލަބާ ރޮނާލްޑޯ ގުޅުމުން، ގިނަ ބަޔަކު ގަބޫލުކުރީ ފުޓުބޯޅައިގައި ދެން މި ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ފެނުމުގެ ފުރުސަތު ނެތްކަމަށެވެ.

އެހެންނަމަވެސް ރިޕޯޓުތައް ބުނާގޮތުން، މިޑް ސީޒަންގައި ޕީއެސްޖީން ކުޅެން ރާވާފައިހުރި އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން މެޗެއްގައި ރޮނާލްޑޯގެ އަލް ނަސްރާއި މެސީ ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީން މެޗެއް ކުޅޭނެއެވެ. މި މެޗު އެންމެފުރަތަމަ ކުޅުމަށް ތާވަލުކުރީ މިދިޔަ ސީޒަނުގެ ތެރޭގައެވެ. އެހެންނަމަވެސް ކޮވިޑުގެ ސަބަބުން ހުރި ގޮންޖެހުންތަކާއެކު މި މެޗު މި ސީޒަނުގެ މިޑް ސީޒަން ބްރޭކުގެ ތެރޭގައި ކުޅުމަށް ތާވަލުކުރީއެވެ.

ސައުދީ ލީގުގެ ތަރިންގެ ޓީމާއި ޕީއެސްޖީ ބައްދަލުކުރާ މެޗަކީ އަހަރުގެ ކުރީކޮޅު ރިޔާދުގައި ކުރިއަށް ގެންދާ ރިޔާދު ފެސްޓިވަލްގެ ތެރެއިން ހިމެނޭ ރަހުމަތްތެރިކަމުގެ މެޗެކެވެ.

ބުރާސްފަތި ދުވަހު ކުޅޭ މި މެޗަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، މީގެކުރިން މި ދެ ކުޅުންތެރިން 36 ފަހަރަށް ކުރިމަތިލާފައިވެއެވެ. އެއީ މެސީ ސްޕެއިންގެ ބާސެލޯނާއަށް ކުޅުނު ދުވަސްވަރުގައި އަދި ރޮނާލްޑޯ މެންޗަސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސްގެ ޖާޒީގައި ފެނިގެންދިޔަ ދުވަސްވަރެވެ. މެސީ ޕީއެސްޖީއަށް ބަދަލުވިފަހުން މި ދެ ކުޅުންތެރިން އަދި ވާދަކޮށްފައެއް ނުވެއެވެ.

މި 36 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފައިވަނީ ރޮނާލްޑޯ އެ ޓީމަކަށް ކުޅުނު ޓީމުތަކެވެ. އަދި މެސީ ހިމެނޭ ޓީމުތައް ވަނީ 16 ފަހަރަށް މެޗު ކާމިޔާބުކޮށްފައެވެ. ބާކީ ނުވަ މެޗުވީ އެއްވަރެވެ،

އެންމެފަހުން މި ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ފެނިފައި ވަނީ 2020 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގައެވެ. އެ މެޗު މެސީގެ ބާސެލޯނާއާ ދެކޮޅަށްކުޅެ 0-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރޮނާލްޑޯ ކުޅެމުންއައި އިޓަލީގެ ޔުވެންޓަސްއެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައެވެ.