ކޮމަންވެލްތް އިންވެސްޓްމަންޓް އެޑްވައިޒަރީ ކައުންސިލްގެ ބޯޑަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަންކޮށްފިއެވެ.
ކޮމަންވެލްތްގެ ވިޔަފާރިވެރިން ހިމެނޭ މި ބޯޑަށް އައްޔަންކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަންގެ ޗެއަރމަން މުޙައްމަދު ޢަލީ ޖަނާޙްއެވެ.
ކޮމަންވެލްތް އިންވެސްޓްމަންޓް އެޑްވައިޒަރީ ކައުންސިލްގެ ބޯޑަށް ޖަނާޙް އައްޔަންކުރެއްވުމާއި ގުޅިގެން އެކަމަށް ބަރުޚަބާކިޔައި އެ ޖަމިއްޔާއިންވަނީ ޖަނާޙްގެ ލީޑަޝިޕްގެ ދަށުން ރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި 53 އަށް ވުރެ ގިނަ ރިސޯޓް މަޝްރޫއު ނިންމާފައިވާކަން ފާހަގަކޮށްފައެވެ. އަދި ޖަނާޙް ޗެއަރމަންކަން ކުރައްވާ ހޮޓެލް އެންޑް ރިސޯޓްސްއަކީ އެކުންފުނީގައި އިން-ހައުސް ޑިޒައިން އާއި އެހެނިހެން ޓީމުތަކާއެކު ޓާންކީ މޮޑެލްއަށް ޓޫރިޒަމް މަޝްރޫއު ހިންގާ ކުންފުންޏެއް ކަމަށްވެސް ކޮމަންވެލްތުން ހާމަކުރައްވައެވެ.
ހޮޓެލް އެންޑް ރިސޯޓްސްއަށް ފާއިތުވި އަހަރުތަކުގައި ގޯލްޑް 100 އެވޯޑް އެތައް ފަހަރަކު ލިބިފައިވާކަން ކޮމަންވެލްތް އިންވެސްޓްމަންޓް އެޑްވައިޒަރީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ކޮމަންވެލްތް އިންވެސްޓްމަންޓް އެޑްވައިޒަރީ ކައުންސިލްގެ ބޯޑަށް ޖަނާޙް ހޮވިފައިވަނީ ވިޔަފާރީގެ ދާޢިރާއަށް އޭނާ ކޮށްދެއްވާފައިވާ މަސައްކަތްތަކާއި މި ދާޢިރާއިން އޭނާގެ ތަޖުރިބާއަށް ބެލުމަށްފަހުއެވެ.
ޖަނާއަކީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ވިޔަފާރީގެ އެކި ދާއިރާގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ވިޔަފާރިވެރި އެކެވެ. ޖަނާޙަކީ ރާއްޖޭގައި ހުންނަވާ ހަންގޭރީގެ އޮނަރަރީ ކޮންސްލްއެވެ. އަދި އޭނާ ދަނީ މިހާރުވެސް ރާއްޖޭގެ ނޭޝަނަލް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސްކަންވެސް ކުރައްވަމުންނެވެ.
މުޙައްމަދު ޢަލީ ޖަނާޙްއަށްވަނީ 2017 ވަނަ އަހަރު ސަރުކާރުން ދެއްވި އާކިޓެކްޗާ އަދި ކޮންސެލްޓެންސީ ދާއިރާ އިން ޤައުމީ އިނާމާއި 2018 ވަނަ އަހަރު މޯލްޑިވްސް އެންޓްޕްރުނިއާ އެވޯޑް ލިބިވަޑައިގެންފައެވެ.