ދެގައުމުގެ ދެމެދުގައި ހުރި މައްސަލަތާ ގުޅޭގޮތުން އެއް މޭޒުދޮށަށް އައިސް ވާހަކަ ދައްކަން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހުށަހަޅުއްވައިފިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ގާއިމްވެފައިވާ ބައިނަލްއަގްވާމީ ޚަބަރު ވިއުގަ، އަލް އަރަބިޔާއަށް ދެއްވި އިންޓަރވިއުއެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ، ކަޝްމީރުގެ މައްސަލަވެސް ހިމެނޭގޮތުން، އިންޑިއާއާއި ޕާކިސްތާނާ ދެމެދު ޖެހިފައިވާ ހުރިހާ މައްސަލަތަކަށް ވާހަކަ ދައްކަން ޕާކިސްތާނު ތައްޔާރު ކަމަށެވެ.
އެއް މޭޒުދޮށުގައި އިށީނދެ، ކަޝްމީރުގެ މައްސަލަތައް ފަދަ ހޫނުވެފައިވާ މައްސަލަތަކާމެދު ސީރިއަސް އަދި އިޚްލާސްތެރި ވާހަކަތަކެއް ދައްކަން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވަނީ، އިންޑިއާގެ ލީޑަރޝިޕަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގޮވާލައްވާފައެވެ.
އަލް އަރަބިޔާއަށް ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވި އިންޓަރވިއު، ޕާކިސްތާނުގެ ގައުމީ ޓީވީންވަނީ ދުރަށް ދައްކާފައެވެ.
މި އިންޓަރވިއުގައި ޝަހްބާޒް ޝަރީފް ވިދާޅުވީ، އިންޑިއާއާއި ޕާކިސްތާނާ ދެމެދު ވާހަކަތައް ބާއްވަން މަގުފަހިކުރަން ޔޫއޭއީއަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޔޫއޭއީއަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި، މިކަމާ ގުޅޭގޮތުން ޔޫއޭއީގެ ރައީސް ޝައިޚް މުހަންމަދު ބިން ޒައިދުއާ މަޝްވަރާ ކުރެއްވި ކަމަށްވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ މި ވާހަކަފުޅުތަކާ ގުޅިގެން ދުނިޔޭގެ ބައެއް މީޑިއާ ވިއުގަތަކުން ސުވާލު ކުރުމުން، އިންޑިއާ ސަރުކާރުގެ ޚާރިޖިއްޔާއިން އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ނިއުކްލިއަރ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ އިންޑިއާއާއި ޕާކިސްތާން، 1947 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންވިފަހުން މިހާތަނަށް 3 ހަނގުރާމަ ކޮށްފައި ވެއެވެ. އޭގެތެރެއިން 2 ހަނގުރާމަ ކޮށްފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ.
މުޅި ކަޝްމީރުގެ މިލްކުވެރިކަމަށް ދެގައުމުންވެސް ދައުވާ ކުރެއެވެ.
ކަޝްމީރުގެ އެއްބައި ޕާކިސްތާނުން ކޮންޓްރޯލް ކުރާއިރު، އަނެއްބައި ކޮންޓްރޯލް ކުރަނީ އިންޑިއާއިންނެވެ.
2019 ވަނަ އަހަރު، އިންޑިއާއާއި ޕާކިސްތާން ވަރުގަދަ ހަނގުރާމައެއް ފެށުމުގެ ތުންފަތްމައްޗަށް ދިޔައެވެ. އެއީ، އިންޑިއާއިން ޕާކިސްތާނުގެ ތެރެއަށް ވައިގެ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ.
އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ފަޅިއަށް ދީފައިއޮތް ސްޓޭޓެއްގެ ދަރަޖަ އިންޑިއާ ސަރުކާރުން 2019 ވަނަ އަހަރު ނިގުޅައިގަތުމާ ގުޅިގެން، އޭގެފަހުން މަސްރަހް އޮތީ ނުތަނަވަސް ކޮށެވެ.
އޭގެފަހުން، ޕާކިސްތާނާއި އިންޑިއާއާ ދެމެދު ސުލްހައިގެ އެއްވެސް ވާހަކައެއް ނުދެކެވެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ، އިންޑިއާއާއި ޕާކިސްތާނުން މީގެކުރިން ކުރި ހަނގުރާމަތަކުން ދެގައުމަށްވެސް ވީ ފައިދާއެއް ނެތްކަމަށާއި، އެކަމުން ލިބުނީ ގެއްލުން ކަމަށާއި، ރައްޔިތުންނަށް ލިބުނީ އިތުރު ނިކަމެތިކަން ކަމަށެވެ.