ފީފާއިން 2017 ވަނަ އަހަރުން ފެށިގެން، އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހޮވައި، ދޭ އެވޯޑު، ފީފާ ދަ ބެސްޓް، މެންސް ޕްލެޔާ އެވޯޑު އެންމެފުރަތަމަ ހާސިލްކުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ނުހިމަނައި، 2022 ވަނަ އަހަރުގެ އެވޯޑު ނޮމިނީޒް އިއުލާންކޮށްފިއެވެ.
ފްރާންސް ފުޓްބޯލް މެގަޒިންއާއި ފީފާއިން މީގެކުރިން ދެމުންއައި ބެލަންޑޯ އެވޯޑުން ފީފާ ވަކިވެ، ފީފާއިން ވަކި އެވޯޑެއްގެ ގޮތުގައި އެންމެފުރަތަމަ ބޭއްވި ފީފާ ދަ ބެސްޓް އެވޯޑުގެ ފުރަތަމަ އެޑިޝަން 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވިއިރު، އެ ފަހަރުގެ އެވޯޑު ކްރިސްޓިއާނޯ ރޮނާލްޑޯ ހާސިލްކުރުމުގައި، 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ޕޯޗުގަލްއިން ކާމިޔާބުކުރުން އެއީ ބޮޑު ހިއްސާއެކެވެ. ޖެހިގެންއައި 2018 ވަނަ އަހަރު ވެސް މި އެވޯޑު ހާސިލްކުރީ ރޮނާލްޑޯއެވެ.
މި އެވޯޑު ދޭން ފެށިފަހުން އެވޯޑުގެ ގަދަ ތިނެއްގައި ރޮނާލްޑޯ ނުހިމެނެނީ 2022 ވަނަ އަހަރުދިން 2021 ވަނަ އަހަރުގެ އެވޯޑުގައި އާއި މި އަހަރުދޭ، 2022 ވަނަ އަހަރުގެ އެވޯޑުގައެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ފަހަރު އިއުލާންކުރި 14 ކުޅުންތެރިންގެ ނޮމިނޭޝަނުގައި ވެސް ރޮނާލްޑޯގެ ނަން ނުހިމެނޭ ކަމެވެ.
ފީފާ ދަ ބެސްޓް މެންސް ޕްލެޔާ އޮފް 2022 އެވޯޑަށް ނޮމިނޭޓުވެފައިވާ ކުޅުންތެރިންނަކީ، ހޫލިއަން އަލްވަރޭޒް، ޖޫޑް ބެލިންގްހަމް، ކަރިމް ބެންޒީމާ، ކެވިން ޑިބްރޫނޭ، އާލިންގް ހާލަންޑް، އަޝްރަފް ހަކީމީ، ރޮބާޓް ލެވަންޑޮސްކީ، ސަޑިއޯ މާނޭ، ކިލިއަން އެމްބާޕޭ، ލިއޮނެލް މެސީ، ލޫކާ މޮޑްރިޗް އަދި ނޭމާގެ އިތުރުން މުހައްމަދު ސަލާޙްއާއި ވިނީޝިއަސް ޖޫނިއާއެވެ.
ފުޓުބޯޅައިގެ މާހިރުން ގަބޫލުކުރާ ގޮތުގައި މިފަހަރުގެ އެވޯޑު ހޯދުމުގެ ފުރުސަތު އެންމެބޮޑީ، 2022 ވަނަ އަހަރުގެ ތެރޭގައި ސްޕެނިޝް ލަލީގާ، ޔޫއެފާ ޗެމްޕިއަންސް ލީގު އަދި އެންމެފަހުގެ ބެލަންޑޯ އެވޯޑު ހާސިލްކުރި ކަރިމް ބެންޒެމާއާއި، އެންމެފަހުގެ ވޯލްޑް ކަޕް އާޖެންޓީނާއާއެކު ކާމިޔާބުކުރި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މެސީގެ މޮޅު ކުޅުމާއެކު އާޖެންޓީނާއިން ވޯލްޑް ކަޕުގެ ތަށި އުފުލާލިއިރު މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާއެވެ.
އަންނަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ބާއްވާ މި އެވޯޑު ހަފްލާގައި، މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ވޯޓުލުން ހުޅުވާލާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެވޯޑު ދޭނީ، ކުޅިވަރު ނޫސްވެރިން، ވޯލްޑް ކަޕުގައި ކުޅޭ ޓީމުތަކުގެ ކެޕްޓަނުން، ކޯޗުންގެ އަދި ސަޕޯޓަރުންގެ ވޯޓަށް ބިނާ ކޮށްގެންނެވެ.
ފީފާ ދަ ބެސްޓް އެވޯޑު ހަފްލާގައި އެވޯޑު ކެޓަގަރީތައް:
- ބެސްޓް ފީފާ ޕްލެޔާ
- ބެސްޓް ފީފާ ވިމެންސް ޕްލެޔާ
- ބެސްޓް ފީފާ ވިމެންސް ކޯޗު
- ބެސްޓް ފީފާ ކޯޗު
- ބެސްޓް ފީފާ ގޯލްކީޕަރު (ފިރިހެން)
- ބެސްޓް ފީފާ ގޯލްކީޕަރު (އަންހެން)
- ފީފާ ފިފްޕްރޯ ވިމެންސް ވޯލްޑް 11
- ފީފާ ފިފްޕްރޯ މެންސް ވޯލްޑް 11
- ފީފާ ފެއާ ޕްލޭ އެވޯޑް
- ފީފާ ޕުސްކަސް އެވޯޑު (އަހަރުގެ އެންމެ މޮޅު ގޯލު)
- ފީފާ ފޭންސް ޗޮއިސް އެވޯޑް
ދަ ބެސްޓް ފީފާ ކޯޗު (ފިރިހެން) ނޮމިނޭޝަން:
- ކާލޯ އަންޗެލޮޓީ (ރެއާލް މެޑްރިޑް)
- ޑިޑިއާ ޑެޝޯމްޕްސް (ފްރާންސް)
- ޕެޕް ގާޑިއޯލާ (މެންޗަސްޓާ ސިޓީ)
- ވަލީދް ރަގްރަގީ (މޮރޮކޯ)
- ލިއޮނެލް ސްކަލޯނާ (އާޖެންޓީނާ)
ފީފާ ދަ ބެސްޓް ގޯލްކީޕަރ (ފިރިހެން):
- އެލިސަން ބެކާ (ލިވަޕޫލް)
- ޔާސީން ބޮއުނޯ (ސެވިއާ /މޮރޮކޯ)
- ތިބޮއު ކޯޓުއާ (ރެއާލް މެޑްރިޑް /ބެލްޖިއަމް)
- އެޑާސަން (މެންޗަސްޓާ ސިޓީ)
- އެމިލިއާނޯ މާޓިނޭޒް (އެސްޓަންވިލާ /އާޖެންޓީނާ)
މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވައި، ފީފާ ދަ ބެސްޓް އެވޯޑަށް ނޮމިނޭޓުވެފައިވާ ކުޅުންތެރިން ހާމަކޮށްފައިވާއިރު، 2021 ވަނަ އަހަރުގެ މި އެވޯޑު ހާސިލްކުރީ އޭރު ބަޔާންއަށް ކުޅެމުން އައި އަދި މިހާރު ބާސެލޯނާއަށް ކުޅެމުން އަންނަ ރޮބާޓް ލެވަންޑޯސްކީއެވެ. އެ ފަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެލްސީގެ ކޯޗް، ތޯމަސް ޓުޗޭލްއެވެ.