ލިވަޕޫލްގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާދިނުމުގެ ވިސްނުން ނުގެންގުޅޭކަމަށް، އެ ޓީމާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ޔާގެން ކްލޮޕް ބުނެފިއެވެ.

ކްލޮޕް މިހެން ބުނެފައި މިވަނީ، ފަހަކަށް އައިސް އެ ޓީމުން ދަށް ނަތީޖާތަކެއް ނެރެމުން އައުމާ ގުޅިގެން، ބައެއް ފަރާތްތަކުން އޭނާއަށާއި، އެ ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެގޮތުން މި އަހަރު ފެށުނުފަހުން ލިވަޕޫލުން ތިން މެޗު ކުޅެފައިވާއިރު އަދި މޮޅެއް ހޯދިފައެއް ނުވެއެވެ. އެ ޓީމު އެންމެފަހުން މެޗަކުން މޮޅުވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށްކުޅެއެވެ. އެ މެޗު 1-2 އިން ލިވަޕޫލް ކާމިޔާބުކުރިއިރު، އެ މެޗުގައި އެ ޓީމުގެ ކުޅުންތެރިއަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެ ޓީމުން ކާމިޔާބުކުރި ދެ ލަނޑަކީ ވެސް ލެސްޓާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި އަހަރު ކުޅުނު ތިން މެޗަށް ބަލާލާއިރު، ފުރަތަމަ މެޗުގައި ބްރެންޓްފޯޑުން ވަނީ 1-3 އިން ލިވަޕޫލް ބަލިކޮށްފައެވެ. އަދި އެއަށްފަހު އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ވުލްވްސްއާ ދެކޮޅަށްކުޅެ ލިވަޕޫލް އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ. އެންމެފަހުން މި މަހުގެ 14 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން ލިވަޕޫލް ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގައި ލިވަޕޫލް އޮތީ ނުވަ ވަނައިގައި 18 މެޗުން 28 ޕޮއިންޓާއެކުއެވެ. ގަދަ ހަތަރެއްގެ ތެރެއިން ހަތަރުވަނައިގައި އޮތް މެންޗަސްޓާ ޔުނައިޓެޑާ ދެމެދު ލިވަޕޫލަށް 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މިއާއެކު ބައެއް ފަރާތްތަކުން ކްލޮޕްއަށް ފާޑުކިޔުންތައް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ކްލޮޕް ބުނީ، ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށާއި، އެހެންނަމަވެސް އެ ޓީމުގެ ބޯޑުން އޭނާ އިސްތިއުފާދިނުމަށް ނުބުނާހާ ހިނދަކު، އިސްތިއުފާ ދިނުމުގެ ވިސްނުން ނުގެންގުޅޭނެ ކަމަށެވެ.

އަދި ފާއިތުވީ ދުވަސްތަކުގައި މެޗުތަކުން ނެރުނު ނަތީޖާއާމެދު ވަރަށް ބޮޑަށް ވިސްނާ ކަމަށާއި، އެކަންކަން ރަނގަޅުކޮށް، މޮޅު ފުޓުބޯޅައެއް ލިވަޕޫލުން ކުޅޭނެ ކަމަށް ކްލޮޕް ވަނީ ބުނެފައެވެ.

2015 ވަނަ އަހަރު ލިވަޕޫލުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވި ކްލޮޕް ވަނީ އެ ޓީމާއެކު އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، އީއެފްއެލް ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް، ޔޫއެފާ ޗެމްޕިއަންސް ލީގު، ޔޫއެފާ ސުޕާ ކަޕް، ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.