ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޗައިނާގެ ފަރާތުން ސްރީލަންކާއަށް ވަރަށް އަވަހަށް "އުފާވެރި ޚަބަރެއް" ލިބޭނޭ ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާއިން މިކަން ހާމަކުރީ، ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ މަތީ ފެންވަރުގެ ވަފުދެއް، ސްރީލަންކާއަށް މިހާރު ކުރަމުންގެންދާ ދަތުރުގައި ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާއާ ބައްދަލުކުރުމަށް ފަހުގައެވެ.
ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ވަފުދުގައި އިސްކޮށް ހުންނެވީ އެ ޕާޓީގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓުގެ ވެރިޔާ އަދި ވައިސް މިނިސްޓަރ ޗެން ޒޫއެވެ.
ސްރީލަންކާގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ޗައިނާ ސަރުކާރުގެ ވައިސް މިނިސްޓަރ ޗެން ޒޫވަނީ، ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން ޗައިނާއޮތީ ސްރީލަންކާއާ އެކުގައިކަމުގެ ޔަގީންކަން ސްރީލަންކާގެ ބޮޑުވަޒީރަށް ދެއްވާފައެވެ.
ސްރީލަންކާއަކީ ޗައިނާގެ ވަރަށް ޚާއްސަ ރަހްމަތްތެރިއެއް ކަމަށާއި، އެހެންކަމުން، މިހާރު ދިމާވެއިވާ ހާލަތުން އަރައިގަތުމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަށް ބަލަމުންދާ ކަމަށް ޗައިނާގެ ވައިސް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިނާ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި، މާލީ މުއައްސަސާތަކުން ވަރަށް ގާތުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން، ޗައިނާއިން ސްރީލަންކާއަށް ވަރަށް އަވަހަށް "އުފާވެރި ޚަބަރެއް" ލިބޭނޭކަމަވެސް ޗެން ޒޫ ވިދާޅުވި ކަމަށް، ސްރީލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވެއެވެ.
ޗައިނާގެ ވައިސް މިނިސްޓަރ ޗެން ޒީވަނީ، އެންމެފަހުން ބޭއްވި ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރްސްގައި، ރައީސް ޝީ ޖިންޕިންގެ ޒައާމަތުގެދަށުން، ޗައިނާގެ އެކުވެރި، ތަރައްގީވަމުން އަންނަ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ފުޅާކޮށް ވަރުގަދަކުރަން ނިންމުންތަކެއް ނިންމާފައިވާކަން، ސްރީލަންކާގެ ބޮޑުވަޒީރަށް ދަންނަވާފައެވެ.
މި ބައްދަލުވުމުގައި، ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ ވަނީ، ސްރީލަންކާގެ ދަރަނިތައް އަލުން ރީސްޓްރަކްޗަރ ކުރުމާއި، އިގްތިސާދު ކޮޅަށް ޖެހުމަށް ޗައިނާގެ އެހީތެރިކަމަށް ސްރީލަންކާ އެދިއެދި އޮތް ކަމަށް ވިދާޅުވެފައެވެ.
އަދި ސްރީލަންކާއާއި ޗައިނާއާ ދެމެދު އެތައް ދާއިރާއަކުން އޮންނަ ގާތް ގުޅުންތަކާއި، އެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މައްޗަށްވެސް ސްރީލަންކާގެ ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވިއެވެ.