ރައީސް އިބްރާހީމް މުހައްމަދު ސާލިހަކީ ވައުދެއްވެއްޖެނަމަ އެ ވައުދެއް ފުއްދަވައިދެއްވާ ވެރިއެއް ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ދިއްދޫއަށް މި ސަރުކާރުން ގެނެސްދީފައިވާ ތަރައްގީ ރައްޔިތުން ބަލައިގަންނަ ކަމަށާއި ނަމަވެސް އަދި އިތުރު ކަންކަން ރައްޔިތުން ބޭނުންވާ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި މެމްބަރު ފާހަގަކުރެއްވީ ރައީސްއަކީ ވައުދެއް ވެއްޖެނަމަ އެ ވައުދެއް ފުއްދަވައިދެއްވާ ވެރިއަކަށް ވުމެވެ.

ދިއްދޫގައި 75 ހައުސިންގ ޔުނިޓްގެ މަސައްކަތް މިވަގުތު ހިނގަމުންދާއިރު އިތުރު އަދި އިތުރު 25 ހައުސިންގ ޔުނިޓް ރައްޔިތުން ބޭނުންވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

އައުޓްޑޯ ޖިމްފަދަ ކަންކަމަށް ރައްޔިތުން އެބައެދޭ މިހާރު. ރައީސް ވައުދުވީ ގޮތަށް ޕާސްޕޯޓްގެ ޚިދުމަތް ދިއްދޫއިން އެބަލިބޭ. ބީސީސީ އަދި ޕޯސްޓްގެ ޚިދުމަތް ލިބޭ. ދިއްދޫގައި ތިބި އެމްޑީޕީ މެމްބަރުން ރައީސްއަށް މި ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކޮށްދޭނެ."
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު

ދިއްދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް އިދިކޮޅުން ވައުދުވި ކަމަށާއި އެ ވައުދުވެސް ފުއްދަވައިދެއްވާނީ ރައީސް ސާލިހްކަން މެމްބަރު ފާހަގަކުރެއްވިއެވެ.

ރައީސްއަކީ އެމްޑީޕީއަށްޓަކައި ހިކުމަތްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ޕާޓީއަށްޓަކައި އިޚްލާސްތެރި މަސައްކަތްތަކެއް ފާއިތުވި ޒަމާންތަކުގައި ރައީސް ސާލިހް ކޮށްދެއްވި ކަމަށެވެ.