އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމަށާއި، އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް ބަންގްލަދޭޝްގައި އޮތް ސަޕޯޓެއްގެ ބޮޑުކަމުން، އެ ޓީމުން ބަންގްލަދޭޝްއަށް ގޮސް، އެ ގައުމުގައި މެޗެއް ކުޅެން ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް ބަންގްލަދޭޝްގެ ފުޓުބޯޅަ ފެޑެރޭޝަން (ބީއެފްއެފް)ގެ ރައީސް، ކާޒީ ސަލާހުއްދީން ބުނީ، ލިއޮނެލް މެސީ ހިމެނޭހެން އާޖެންޓީނާގެ ގައުމީ ޓީމުން، ބަންގްލަދޭޝްގައި މެޗެއް ކުޅުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މިކަމުގެ މަޝްވަރާތައް ކޮށްފައިވާއިރު، މެޗު ކުޅޭނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި، ފީފާ ވިންޑޯގެ ތެރޭގައި ކަމަށް ކާޒީ ސަލާހުއްދީން ބުނެފައިވެއެވެ.
މީގެއިތުރުން މި މެޗު ކުޅޭނީ ބަންގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މި މެޗާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން ކާޒީ ސަލާހުއްދީން ބުނީ، އާޖެންޓީނާއިން މި މެޗު ކުޅޭނީ ކޮން ގައުމަކާ ދެކޮޅަށްކަން އަދި ނުނިންމާ ކަމަށާއި، އިދިކޮޅު ޓީމެއްގެ ގޮތުގައި އެ ޓީމުން ކުޅެން ބޭނުންވާ ޓީމުތަކުގެ ލިސްޓެއް އާޖެންޓީނާގެ އެފްއޭއިން ދޭނެކަމަށެވެ. އޭނާ އިތުރަށް ބުނީ، މެޗު ކުޅުމުގެ ހުރިހާ އިންތިޒާމެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެންމެފަހުގެ މަޝްވަރާތައް ކަމަށެވެ.
އާޖެންޓީނާއިން މީގެކުރިން ވެސް ބަންގްލަދޭޝްގައި މެޗެއް ކުޅެފައިވެއެވެ. އެއީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗެކެވެ. އެ މެޗުން އާޖެންޓީނާ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.
އާޖެންޓީނާއަށް ބަންގްލަދޭޝްގައި އޮތް ސަޕޯޓެއްގެ ބޮޑުކަމުން އެ ގައުމުގައި އެ ޓީމުން މެޗެއް ކުޅެން ނިންމާފައިވާއިރު، މިދިޔަ ޑިސެމްބަރު މަހު ނިމުނު ފީފާ ވޯލްޑް ކަޕުގެ ތެރެއިން ބަންގްލަދޭޝްގެ ރައްޔިތުންގެ ހިތުގައި އާޖެންޓީނާއާއި އެ ޓީމުގެ ކެޕްޓަނަށް އޮތް ލޯބި ވަރަށް ބޮޑަށް ހާމަވެގެންދިޔައެވެ. އެގޮތުން ރާއްޖޭގައި ވެސް މި މަންޒަރުތައް ފެނުނެވެ.
ވޯލްޑް ކަޕުގެ މެޗުތައް ބެލުމަށް މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ގާއިމްކުރި ބޮޑު ސްކްރީން ސަރަހައްދަށް، އާޖެންޓީނާގެ މެޗުތައް އޮންނަ ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ޖަމާވެފައިވެއެވެ. އަދި އެ ޓީމުން މެޗުތަކުގައި ހޯދާ ކާމިޔާބީއަށްފަހު، އުފާ ފާޅުކުރުމުގެ ގޮތުން ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުން މާލޭގެ މަގުތަކުގައި އަޑުއުފުލަމުން ދިޔަ މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.