ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން މެދުކަނޑާލި ޗައިނާގެ ފްލައިޓުތަކުގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއަށް ޗައިނާގެ ޝެޑިއުލްޑް ދަތުރުތައް ފެށިއިރު، ޗައިނާގެ ފުރަތަމަ އެއާލައިނެއްގެ ގޮތުގައި ރާއްޖެއައީ ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ފްލައިޓެކެވެ.

މި އެއާލައިނުން މިހާތަނަށް ޝެޑިއުލްކޮށްފައިވާ ގޮތަށް ބަލާއިރު، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ އެއާލައިނުން ދަތުރުކުރާނެއެވެ. އެ އެއާލައިނުން ހަފްތާއަކު ހަތަރު ފްލައިޓު ރާއްޖެ ދަތުރުކުރުމަށް ތާވަލުކޮށްފައިވެއެވެ.

މިއާއެކު ރާއްޖޭގެ އިޤްތިޞާދަށް އަނެއްކާ ވެސް "ބޫސްޓް"އެއް ލިބޭނެކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރާއިރު، ޗައިނާއިން އިތުރު އެއާލައިންތަކެއް ވެސް މި މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝެޑިއުލްކޮށްފައިވެއެވެ. މީގެތެރޭގައި ޗައިނާ އީސްޓަން އެއާލައިނުގެ ދަތުރުތަކާއި ހޮންކޮން އެއާލައިނުންވެސް މިމަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފަށާނެއެވެ.

ޗައިނާގެ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް ލަފާކުރައްވާފައިވާ ގޮތުގައި ޗައިނާއިން މި އަހަރުގެ ތެރޭގައި ރާއްޖެއަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެއެވެ. މިދިޔަ އަހަރުވެސް ރާއްޖެއަށް ޗައިނާއިން 12،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ކޮވިޑުގެ ސަބަބުން މުޅި ޗައިނާ "ލޮކްޑައުން" އަކަށް ގޮސް، ބައިނަލްއަގްވާމީ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އެ ގައުމުގެ ބޯޑަރު ހުޅުވާލާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ.

މެދުކެނޑުމަކަށްފަހު ޗައިނާގެ ފްލައިޓެއް ރާއްޖެ އައުމާ ގުޅިގެން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ވަނީ އެކަން ފާހަގަކުރުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ފްލައިޓުން ރާއްޖެއައި ފަތުރުވެރިންނަށް ބޮޑުބެރާއެކު ހޫނު މަރުޚަބާއެއް ކިޔާފައިވާއިރު، ފަތުރުވެރިންނަށް ހާއްސަ ހަދިޔާތަކެއް ވެސް ދީފައިވެއެވެ. ފަތުރުވެރިންނަށް މަރުޚަބާ ކިޔުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރާއި، ދެ ގައުމުގެ ސަރުކާރުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮވިޑާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމާ ހަމައަށް ޗައިނާ އަކީ ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. އެގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި ޗައިނާއިން 284،029 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ އެ އަހަރު ރާއްޖެއައި ފަތުރުވެރިންގެ 16.7 އިންސައްތައެވެ.