އައު ފަންކްޝަންތަކާއެކު މީރާގެ އައު ވެބްސައިޓް އަދި މީރާގެ އައު މޮބައިލް އެޕްލިކޭޝަން ތައާރަފްކޮށްފިއެވެ.

މީގެ މަޤްސަދަކީ ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން ޓެކުހާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ޓެކުހާ ގުޅޭ އިލްތިޒާމުތައް ފުރިހަމަކުރުމުގައި ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުން ކަމުގައި މީރާއިން ބުނެއެވެ.

މީރާގެ އައު ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ތައާރަފްކޮށްދެއްވައިފައިވަނީ، މިއަދު މެންދުރުފަހު މީރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އަދި މީރާގެ ބޯޑުގެ ޗެއަރޕަރސަން، އަޙްމަދު ސަރުވަޝް އާދަމްއެވެ.

މީރާގެ ވެބްސައިޓުގައި ހިމެނޭ އައު ކަންތައްތަކަށް ބަލައިލާއިރު، މީރާއަށް ހުށަހަޅާ ހުރިހާ ފޯމެއް ވެބްސައިޓް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު މިހާރު ހުށަހެޅޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. މީރާގެ އައު ވެބްސައިޓުގައި 'ލައިވް ޗެޓް' ފަންކްޝަން ވެސް ވަނީ ތައާރަފްކޮށްފައެވެ. އަދި، ޓެކުހާ ގުޅޭ މުހިންމު މައުލޫމާތު ފަސޭހައިން ލިބޭނެ އިންޓަރއެކްޓިވް ގައިޑްތައް މީރާއިން ވަނީ ހިމަނައިފައެވެ. މީގެއިތުރުންވެސް، ޓެކްސްގެ ޤާނޫނުތަކާއި ގަވާއިދުތަކާއި، މީރާއިން ޝާއިރުކުރާ ތަފާސްހިސާބުތަކާއި އަދި އެހެނިހެން މުހިންމު ޚަބަރުތައް ފަސޭހައިން ހޯދޭނެ ގޮތަށް މި ވެބްސައިޓް ފަރުމާކޮށްފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީރާގެ އައު މޮބައިލް އެޕްލިކޭޝަނަށް ބަލައިލާއިރު، ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ބޭނުންކުރާ މީރާގެ އޮންލައިން ޕޯޓަލް 'މީރާ ކަނެކްޓް' އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ޓެކުހާއި ފީ ބަލައިގަންނަ އޮންލައިން ޕޯޓަލް 'ވާރުޕޭ'ގެ ގިނަ ޚިދުމަތްތައްވެސް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކުހުގެ މުހިންމުގެ ސުންގަޑިތައް ދެނެގަނެ، ފޯނުގެ ކަލަންޑަރަށް ރިމައިންޑަރ ލެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، މީރާގެ ކައުންޓަރުތަކުން ޚިދުމަތް ހޯދުމަށް ޓޯކަން ނަންބަރު ނަގައި، ކިއު ތަރުތީބު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ބަލައިލެވޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އަދި، ޓެކުހާ ގުޅޭ މައުލޫމާތު ހޯދުމަށް އެޕޮއިންޓްމަންޓަށް އެދުމާއި މައުލޫމާތު ސެޝަންތައް ބޭއްވުމަށް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެކަމަށްވެސް މީރާއިން ބުނެއެވެ.

މީރާގެ މޮބައިލް އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރުން މިހާރު ޑައުންލޯޑްކުރެވޭނެއެވެ.