ހުޅަނގު އެފްރިކާގެ އިސްލާމީ ގައުމެއް ކަމަށްވާ ގެމްބިއާގެ ނައިބް ރައީސް ބަޑާރާ އަލީ ޖޫފް، އިންޑިއާގައި އުޅުއްވަނިކޮށް އަވަހާރަވެއްޖެއެވެ.
މިކަން ހާމަކުރެއްވީ، މިއަދު ކުރެއްވި ޓްވީޓެއްގައި ގެމްބިއާގެ ރައީސް އެޑާމާ ބެރޯއެވެ.
ގެމްބިއާގެ ނައިބް ރައީސް ބަޑާރާ އަލީ ޖޫފް އަވަހާރަވީ "ކުރު އާލާސްކަންފުޅެއް" ގައި އުޅުއްވުމަށް ފަހުގައި ކަމަށް ގެމްބިއާގެ ރައީސްގެ ޓްވީޓްގައި ބަޔާން ކުރައްވާފައި ވެއެވެ. ނަމަވެސް، އެއީ ކޮން ކަހަލަ އާލާސްކަންފުޅެއް ކަމެއް ބަޔާން ކުރައްވާފައެއް ނުވެއެވެ.
ގެމްބިއާގެ ނައިބް ރައީސް ބަޑާރާ އަލީ ޖޫފް، ބޭސްފަރުވާއަކަށް އިންޑިއާއަށް ވަޑައިގެންފައިވަނީ މީގެ 3 ހަފްތާ ކުރިން ކަމަށް މީޑިއާއިން ބުނެފައި ވެއެވެ. އިންޑިއާއަށް ވަޑައިގަތުމުގެކުރިންވެސް، އެތައް މަހެއް ވަންދެން އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން ނޫޅުއްވާ ކަމަށް ބުނެފައި ވެއެވެ.
ނައިބް ރައީސް ބަޑާރާ އަލީ ޖޫފް އިންޑިއާއަށް ވަޑައިގެންނެވީ ކޮން ކަހަލަ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން ކަމެއް ސާފެއް ނުވެއެވެ.
އުމުރުފުޅުން 65 އަހަރުގެ ބަޑާރާ އަލީ ޖޫފް، ގެމްބިއާގެ ނައިބް ރައީސްގެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުއެގެ. އޭގެކުރިން އޭނާވަނީ 2017 އިން 2022 އަށް ގެމްބިއާގެ ހަޔަރ އެޑިއުކޭޝަން، ރިސާޗް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރައްވާފައެވެ.
ރައީސް ބަޑާރާ އަލީ ޖޫފްއަކީ، ގެމްބިއާގެ ރައީސް އެޑާމާ ބެރޯ 2016 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިފަހުން، 4 ވަނަ ނައިބް ރައީސެވެ.
ގެމްބިއާގެ ރައީސް އެޑާމާ ބެރޯ، ބަޑާރާ އަލީ ޖޫފް ނައިބް ރައީސްކަމަށް އައްޔަން ކުރައްވާފައިވަނީ 2021 ވަނަ އަހަރު ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވުމާ އެކުގައެވެ.
ނައިބް ރައީސް ބަޑާރާ އަލީ ޖޫފްއަކީ، ގެމްބިއާގައި ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. ސިވިލް ސަވިސްގައި ޚިދުމަތް ކުރެއްވުމަށްފަހު އޭނާވަނީ ވޯލްޑް ބޭންކްގައިވެސް ޚިދުމަތް ކުރައްވާފައެވެ. އަދި ވެސްޓް އެންޑް ސެންޓްރަލް އެފްރިކާގައި އެޑިއުކޭޝަން ސްޕެޝަލިސްޓެއްގެ ގޮތުން، ދައުރުވެސް އަދާ ކުރައްވާފައި ވެއެވެ.