ބޭރު ގައުމުތަކުން ދަރަނި ނަގަނީ، ހުރިހާ ރައްޔިތުންގެ ފައިދާއާއި މަންފާއަށާއި، ކުރިއެރުމަށްޓަކައިކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ފައްޔާޒް ވަނީ، މި ސަރުކާރުން ޓެކްސް ބޮޑުކުރުމުންނާއި، ބޭރު ގައުމުތަކުން ލޯނު ނަގާތީ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، ޓެކްސް ބޮޑުކުރަން ޖެހުނު ސަބަބަކީ، 21 ވަނަ ގަރުނާއި ހިސާބަށްއައިއިރު ރައްޔިތުންގެ އުންމީދުތަކުގައި ކުރީގެ ސަރުކާރުތަކަށް ކުލަޖައްސައިދެވިފައި ނުވާތީކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ހިސާބަށް އެސްޕީޑުގައި ގެންދިޔުމަށްޓަކައި ދަރަނިވެސް ނަގަންޖެހޭކަމަށެވެ.
މިނިސްޓަރު ފައްޔާޒްގެ ވާހަކާގައި ވަނީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދިން ބައެއް ކަންކަންވެސް ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ފައްޔާޒް އިތުރަށް ވިދާޅުވީ، ބިޑުތިލަދުންމަތީގެ ފަތުރުވެރިކަން ފުޅާކުރުމަކީ، ރާއްޖެއަށްވެސް އަދި ބޮޑު ތިލަދުންމައްޗަށްވެސް އެންމެ އަހަވަށް ކުރިއެެރުން ލިބޭނެ ކަންތައްކަމަށާއި، އިގްތިސޯދު ސިންދަފާތުކުރުމުގެ ވާހަކަދައްކާއިރު، ސަރުކާރުގެ މިހާރުގެ ސްޕީޑާއި އެއްކޮށް ފަތުރުވެރިކަން ފުޅާކުރުުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިޔަށްގެންދާކަމަށެވެ. އެއީ، އެންމެ ބޮޑު އިގްތިސޯދީ ރައުސުލްމާލަކީ ފަތުރުވެރިކަން ކަމުގައި ވާތީކަމަށެވެ. އެގޮތުން ބޮޑުތިލަދުންމަތީގައިވެސް ފަތުރުވެރިކަމުގެ 8000 އެނދު އިތުރުކުރެވުމުގެ ވާހަކައަކީ ރައީސް ސޯލިހުގެ ވައުދުފުޅެއްކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، މުޅި ދިވެހިރާއްޖެ ބަދަލުކުރުމަށްޓަކައި ރަޢީސް ކުރައްވަމުންދެންވަނީ ހަމައެކަނި އިގްތިސާދީ މަސައްކަތް ނޫންކަމަށެވެ. މުޅި ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަކީ ވޭތުވެދިޔަ އެތައް ގަރުނުތަކެއް އެއްކޮށްލީމާއި މިގައުމަށް ނާންނާނެ ބަދަލު ގެނެސްދޭނެ މަސައްކަތްތަކެއް ކަމަށެވެ. އަދި މީގެއިތުރުން ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށްޓަކައި، އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަންތައް ދަރަނި ނަގައިގެންވެސް މި ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، އެއީ ފެނާއި ނަރުދަމާ އަޅައި ރައްޔިތުންނަށް ގައިން ތާހިރުވާނެ ގޮތެއް ހޯދައި ދިނުމަށްޓަކައިކަމަށެވެ.
ފައްޔާޒް ވިދަޅުވީ، މަޝްރޫއުތަކަށް ހޭދަވާ ފައިސާއަކީ އެތައް މަސައްކަތެއް ކޮށްގެން ހޯދާ ފައިސާކަމަށެވެ. ޒަމާނުންސުރެ ނުކުރެވި ހުރި އެތައް މަސައްކަތެއް މި ސަރުކާރުން އެއްފަހަރާ ކުރަމުންދަނީ އެގާބިލްކަން ރައީސްގެ ކިބައިގަ ހުރީމަކަމަށެވެ.