އިންޑިއާގައި، ހިންދޫ ދީނުގެ އަންހެން ކުއްޖަކާ ވާހަކަދެއްކި ޒުވާން މުސްލިމް ފިރިހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއްކޮށް ޒަހަމްކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި، އަނިޔާކޮށްފައިވަނީ އިންޑިއާގެ މަދިޔަ ޕްރަދޭޝްގެ ޚާންޑްވާގައި ހުންނަ ޝްރީ ނީލްކަންޓޭޝްވަރަ ކޮލެޖުގައި ކިޔަވަމުންދިޔަ ޝަހްބާޒް ނަމަކަށްކިޔާ މުސްލިމް ފިރިހެން ކުއްޖަކަށެވެ. އޭނާއަށް އަނިޔާކޮށްފައިވަނީ މަދިޔަ ޕްރަދޭޝްގެ ހިންދޫ ޖަގްރަން މަންޗް ނަމަކަށްކިޔާ، ހަރުކަށި ފިކުރުގެ ޖަމާއަތަކަށް ނިސްބަތްވާ ބައެކެވެ.

ޝަހްބާޒްގެ ކުށަކީ އޭނާއާ އެއް ކުލާހެއްގައި ކިޔަވަމުން އައި ހިންދޫ އަންހެން ކުއްޖަކާ ވާހަކަދެއްކުން ކަމަށް އެ މީހުން ބުނެއެވެ. މި ދެ ކުދިން ވާހަކަދައްކަން ތިބި މަންޒަރުފެނި، މި ގުރޫޕުން ޝަހްބާޒް ހިފަހައްޓައި، ޕާކިންގް ލޮޓަކަށް ގެންގޮސް އޭނާއަށް އަނިޔާކުރާ މަންޒަރުފެންނަ ވީޑިއޯތައް މީސްމީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. މި ވީޑިއޯގައި އެ ގުރޫޕުން، ޝަހްބާޒްގެ ގައިގައި އަތުން ތެޅުމަށްފަހު، ލަކުޑިބުރިތަކަކުން އޭނާގެ ގައިގައި ތަޅާ މަންޒަރު ވެސް ފެނެއެވެ. އެއަށްފަހުގައި، ދެވަނަ ފަހަރަކަށް އެ އަންހެން ކުއްޖާއާ ވާހަކަނުދައްކަން، އިންޒާރު ވެސް އެ މީހުން ދެއެވެ.

ޝަހްބާޒަށް އަނިޔާކުރުމަށްފަހު ހަރުކަށި ފިކުރުގެ މި ގުރޫޕުން، އެ އަންހެން ކުއްޖާގެ އާއިލާއާ ބައްދަލުކޮށް، ޝަހްބާޒާ ދެކޮޅަށް މައްސަލަ ހުށަހެޅުމަށް އަންގާފައިވެއެވެ. އެގޮތުން ހުށަހަޅަންވީ މައްސަލައަކީ، ޝަހްބާޒް، އެ އަންހެން ކުއްޖާއަށް ފުރައްސާރަކުރުން ކަމުގައި އެ ގުރޫޕުން، އަންހެން ކުއްޖާގެ އާއިލާއަށް އަންގާފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

އަންހެން ކުއްޖާގެ އާއިލާއިން މައްސަލަ ހުށަހެޅުމުގެ ކުރިން، ޝަހްބާޒް ވަނީ އެ ގުރޫޕާ ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. ޝަހްބާޒް މައްސަލަ ހުށަހެޅި ބަޔާން ވެސް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެހެންނަމަވެސް އެ ސަރަހައްދުގެ ފުލުހުން، މިކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެއްވެސް ކުށަކާ ނުލައި މުސްލިމް ޒުވާނަކަށް އިންޑިއާގައި އަނިޔާކުރާ މަންޒަރުފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ހިންދޫ، ހަރުކަށި ފިކުރުގެ ގުރޫޕުތަކުން އަބަދުވެސް މުސްލިމުންނާ ދެކޮޅަށް މިފަދަ އަނިޔާވެރި އަމަލުތައް ހިންގައި، ގަތުލުއާންމު ހިންގައެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ހިންދޫ ހަރުކަށި ލީޑަރުންތަކެއް، އިންޑިއާއިން މުސްލިމުން މަރައި ހުސްކުރަން ގޮވާލި މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ. އަދި މިސްކިތްތައް ތެޅުމާއި، މުސްލިމުންނާމެދު ނަފްރަތު އުފައްދައި، އަނިޔާކުރުމުގެ އިތުރުން އެކި ދޮގު ތުހުމަތުތައް ކޮށް، މުސްލިމުން މެރުމުގެ އެތައް މައްސަލައެއް ފާްއިތުވީ އަހަރުތަކުގެ ތެރޭގައި އިންޑިއާގައި ފެންމަތިވެފައިވެއެވެ.

މީގެއިތުރުން ގެރި ހިމާޔަތްކުރުމުގެ ނަމުގައި، ކަނޑިއާއި ލަޓިބުރި ހިފައިގެން އެ ގައުމުތަކުގެ އެކި ސިޓީތަކުގެ މަގުތަކުގައި، ރެޔާއި ދުވާލު، މުސްލިމުންނަށް ބިރުދައްކައި، މުސްލިމުންނަށާއި އެމީހުންގެ މުދަލައް ގެއްލުންދީ، ރޯކުރުމާއި މުސްލިމުން މެރުމުގެ އެތައް އަމަލެއް، ހިންދޫ ހަރުކަށި ފިކުރުގެ ގުރޫޕުތަކުން ވަނީ ހިންގާފައެވެ.

އެހެންނަމަވެސް މިފަދަ ކަންތައްތަކާ ދެކޮޅަށް ނުވަތަ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް، އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީއިން ވެސް އަދި އެ ގައުމުގެ ވެރިން ވެސް ހާއްސަ މަސައްކަތްތަކެއް ނުކުރާކަން ބޭރުގެ މީޑިއާތަކުން ފާޙަގަކޮށްފައިވެއެވެ.