މެންޗަސްޓާ ޔުނައިޓެޑުން އެ ޓީމުގެ ލެޖެންޑު، ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް، އޭނާގެ "ރިޕްލޭސްމަންޓް"ގެ ގޮތުގައި ޓީމަށް ގެނައި ސްޓްރައިކަރު ހިމަނައިގެން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ރޮނާލްޑޯއާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހުން އޭނާގެ ބަދަލުގައި ޓީމަށް ކުޅުންތެރިއަކު ގެނައުމަށް ކުރަމުންދިޔަ މަސައްކަތް އެ ޓީމުން ކާމިޔާބުކުރީ، މި މަހުގެ 13 ވަނަ ދުވަހުއެވެ. ރޮނާލްޑޯގެ ރިޕްލޭސްމަންޓެއްގެ ގޮތުގައި އެ ޓީމުން ގެނައީ، ނެދަލެންޑްސްގެ ވައުޓް ވަހޯސްޓްއެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑާ ގުޅުމަށްފަހު އެ ޓީމުގެ ޖާޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި، ކްރިސްޓަލް ޕެލަސްއާ ދެކޮޅަށްކުޅެ ޔުނައިޓެޑް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުން އެއްވަރުވުމާއެކު ޔުނައިޓެޑުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާއަށްވަނީ ނިމުން އައިސްފައެވެ. އެ ޓީމުން އެންމެފަހުން ކުޅުނު ހަތް މެޗުގައި ވެސް މޮޅުވެފައިވާއިރު އެންމެފަހުން އެ ޓީމަށް މޮޅެއް ހޯދިފައި ނުވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށްކުޅުނު އެކުވެރިކަމުގެ މެޗުގައެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުން 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ޔުނައިޓެޑުންނެވެ.

ޔުނައިޓެޑުން ގިނަވަގުތު ބޯޅަހިފަހްޓައިގެން ކުޅުނު މި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީވެސް އެ ޓީމުންނެވެ. އެގޮތުން އެ ޓީމުން ޖުމްލަ 15 ހަމަލާއެއް އުފައްދާފައިވާއިރު، އޭގެތެރެއިން ގޯލާ އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ ހަތަރު ހަމަލާއެކެވެ. އެއާ ހިލާފަށް ޕެލަސްއިން ޖުމްލަ 10 ހަމަލާއެއް އުފެއްދިއިރު އޭގެތެރެއިން ފަސް ހަމަލާއެއް ގޯލާ އަމާަޒުވާގޮތަށް ފޮނުވާލާފައިވެއެވެ.

ޔުނައިޓެޑުން މެޗުގައި ޖެހި ލަނޑަކީ ފުރަތަމަ ހާފުގެ ކުޅުން ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކުރި ލަނޑެކެވެ. ކްރިސްޓިއަން އެރިކްސަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.

މޮޅެއް ހޯދައި، ވަގުތީގޮތުން ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލުމުގެ އުންމީދުގައި ކުޅެމުންދިޔަ ޔުނައިޓެޑް މާޔޫސްކޮށްލީ، މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި، ލިބުނު ހިލޭޖެހުމަކުން މައިކަލް އޮލީސް، ޕެލަސްއަށް ނަތީޖާ ހަމަހަމަކޮށްދީގެންނެވެ.

ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

މި މެޗުން މޮޅުވެ، ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އޮތް ޔުނައިޓެޑަށް، 19 މެޗުން 39 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ ތިންވަނައެވެ. ދެވަނައިގައި އޮތް މެންޗަސްޓާ ސިޓީއަށް އެއްމެޗު މަދުންކުޅެ ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވެއެވެ. ސިޓީއަށް ކުރިލިބެނީ ފައިދާ ގޯލުންނެވެ. އެއްވަނައިގައި އޮތް އާސެނަލްއަށް 18 މެޗުން ލިބެނީ 47 ޕޮއިންޓެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ކުރިއަށްދެން އޮތީ، އާސެނަލްއާ ދެކޮޅަށް ކުޅެންއޮތް މެޗެވެ. އެ މެޗު ކުޅޭނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.