ލާމަރުކަޒީޤާނޫނު އެއްފަރާތްކޮށް ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމާއި މާލެ ސިޓީ ކައުންސިލުން ދެކޮޅުކަން މޭޔަރާއި ކައުންސިލަރުން ހާމަކުރައްވައިފިއެވެ.
ކައުންސިލްގެ 85 ވަނަ ޖަލްސާގައި މިކަމާއިގުޅޭ ކަންބޮޑުވުން ފާޅުކޮށް އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ސަމާލުކަމަށްވެސް މިކަން ގެނެސްފައިވަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގައި ސަރުކާރުން ވިލިމާލެއަށް ވަނީ ބަސްތަކެއް އަރުވާފައއި ކަމަށް ކައުންސިލުން ބުނެއެވެ.
މިކަމާއި ގުޅިގެން މޭޔަރު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްގެ ހުއްދައެއް ހޯދުމަކާ ނުލާ ގަވާއިދާ ޚިލާފަށް، ރޭ ދަންވަރު ވިލިމާލެއަށް ބަސްތަކެއް އަރުވާފައިވާ ކަމަށެވެ. އަދި މިކަން ދިވެހި ފުލުހުންގެ ޚިދުމަތާއި، އެލްޖީއޭގެ ސަމާލުކަމަށް ގެނެސްފައި ވާކަމުގައި މޭޔަރު ވިދާޅުވިއެވެ.
މިއާއިއެކު މޭޔަރު ވަނީ މިއީ ސަރުކާރު ހިންގާ މައި ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް ޤާނޫނުތައް މުގުރާލުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެއްގޮތުގައި ސިފަކުރައްވާފައެވެ.
ވިލިމާލޭގައި ބަގީގެ ޚިދުމަތް އަންނަ ފެބްރުއަރީ މަހު ފެށުމަށް ތައްޔާރުވެފައިވަނިކޮށް ސަރުކާރުން މިފަދައިން ޢަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މިކަމަކީ ސަރުކާރުން ވަޒީރުންގެ ބާރު ކަނޑުވާލުމަށްފަހު ކުރާކަމެއް ކަމަށެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރުވެސް އެދިވަޑައިގަންނަވަނީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުން ކަމަށާއި، އެކަމަށްޓަކައި މިނިސްޓަރަށް ޝުކުރު ދަންނަވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއުގެ އިތުރުން ކައުންސިލަރ ސައިފް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސައިފް ވިދާޅުވީ އަނެއްކާވެސް މިފެނިގެންދަނީ ލާމަރުކަޒީ ނިޒާމު ހަލާކުވެގެން ދާގޮތަށް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދައުރު ފުޅާވެގެންދާތަން ކަމަށެވެ. އަދި މިއީ ހިތާމަ ކުރާ ކަމެއް ކަމުގައި ސައިފް ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ކައުންސިލަރ ޒަމީރު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ދަންނަ އެއްޗެއް ނޫން ކަމަށެވެ. އަދި މުއައްސަސާތަކުން ކުރަންޖެހޭ ކަންކަންވެސް ރައީސް އަށް ވަނީ އޮޅިފައި ކަމަށް ޒަމީރު ވިދާޅުވިއެވެ.