ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ސްރީލަންކާއަށް ވަޑައިގެންފިއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސްރީލަންކާއަށް މި ވަޑައިގެންނެވީ، ދިވެހިރާއްޖެއަށް ވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމުގެ މަގުމަތީގައެވެ.

ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި، ސްރީލަންކާގެ ޚާރިޖީ ވަޒީރު އަލީ ސަބްރީއާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ.

މީގެއިތުރުން، އިންޑިއާގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި، ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާއާ ހުކުރު ދުވަހުގެ ހެނދުނު ބައްދަލު ކުރައްވާނެ ކަމަށާއި، އަދި ސްރީލަންކާގެ އެހެން އިއްޒަތްތެރިންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސްރީލަންކާގެ މީޑިއާއިން ބުނެފައި ވެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ސްރީލަންކާއަށް މި ވަޑައިގެންނެވީ، ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދިނުމަށް އިންޑިއާއިން ތާއީދު ކުރުމަށް ފަހުގައެވެ.

ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދޭ ބޮޑެތި ގައުމުތަކުގެ ތެރެއިން، އައިއެމްއެފްގެ ލޯނު އެގައުމަށް ދިނުމަށް ތާއީދު ނުލިބިއޮތް ހަމައެކަނި ގައުމަކީ މިހާރު ޗައިނާއެވެ. ސްރީލަންކާ ވަރަށް ބޮޑަށް ބޭނުންވެފައިވާ އައިއެމްއެފްގެ ލޯނު ލިބުމަށް ޗައިނާގެ ތާއީދު ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ.

އައިއެމްއެފުން ސްރީލަންކާއަށް ލޯނު ދިނުމަށް އިންޑިއާއިން ތާއީދުކޮށްފައިވާއިރު، ސްރީލަންކާއަށް ބޭނުންވާ އަސާސީ ތަކެތި ގަތުމަށް އިންޑިއާއިން އިމަޖެންސީ އެހީގެގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ދީފައި ވެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި، ދެގައުމުގެ ދެމެދުގައި މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.