އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗަސްޓާ ޔުނައިޓެޑުން، ލީގު ލީޑަރުން ކަމުގައިވާ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި، ޔުނައިޓެޑުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ކަސެމީރޯއަށް ނުކުޅެވޭގޮތް ވެއްޖެއެވެ.
މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި ޔުނައިޓެޑަށް ބަދަލުވި ކަސެމީރޯއާއެކު އެ ޓީމުން އަންނަނީ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މިއަދު އެ ޓީމަށް ތާވަލުގެ ތިންވަނައިގައި އޮވެވުމުގައި ކަސެމީރޯގެ ދައުރު ބޮޑެވެ. ކަސެމީރޯ ޓީމާ ގުޅުނުފަހުން، ޔުނައިޓެޑުން އިނގިރޭސި ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފައިވެއެވެ.
ޔުނައިޓެޑުން ލީގު ތާވަލުގެ ތިންވަނައިގައި 19 މެޗުން 39 ޕޮއިންޓު ހޯދައިގެން އޮތުމުގައި ކަސެމީރޯގެ ދައުރު ބޮޑުއިރު، އޭނާއަށް ކުރިއަށް އޮތް އާސެނަލް މެޗުގައި ނުކުޅެވެނީ ލީގުގައި އޭނާއަށް ފަސް ރީނދޫ ކާޑު ހަމަވެފައި އޮތުމުންނެވެ. ކަސެމީރޯއަށް ފަސްވަނަ ރީނދޫކާޑު ހަމަވީ، ލީގުގައި ބުދަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށްކުޅެ ޔުނައިޓެޑް އެއްވަރުވި މެޗުގެ ތެރެއިންނެވެ.
ލީގުގައި މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 16 މެޗުގެ ތެރެއިން ކަސެމީރޯ ވަނީ ދެ ލަނޑު ޖަހައިދީ ތިން އެސިސްޓު ކޮށްފައެވެ. އަދި މެދުތެރޭގައި ބޯޅަ ހިފަހައްޓައި، ޑިފެންސް ކުރުމުގައި ވެސް އަދި އެޓޭކިންގް ލައިނަށް ބޯޅަ ތަނަވަސްކޮށްދިނުމުގައިވެސް އޭނާގެ ދައުރު ބޮޑެވެ.
ރަނގަޅު ފޯމެއްގައި އޮތް އާސެނަލްއާ ދެކޮޅަށް ޔުނައިޓެޑުން ނުކުންނައިރު ކަސެމީރޯ ނެތުން މިއީ އެ ޓީމަށް ކުރިމަތިވާނެ ގޮންޖެހުމަކަށްވާއިރު، މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޔުނައިޓެޑުގެ ކޯޗު އެރިކް ޓެންހާގް ބުނީ، ކަސެމީރޯއަށް އެ މެޗުގައި ނުކުޅެވުން އެއީ ލިބޭ ދެރައެއް ކަމަށާއި، އެއީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ޓީމު މިއަދު އޮތް މަގާމުގައި އޮތުމުގައި ކަސެމީރޯގެ ދައުރު ބޮޑު ކަމަށް ޓެންހާގް ވަނީ ބުނެފައެވެ.
އެހެންނަމަވެސް ލީގުގައި އެންމެފަހުން އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުން 1-3 އިން ޔުނައިޓެޑު މޮޅުވިއިރު އެ މެޗުގައި ކަސެމީރޯ ކުޅެފައި ނުވާކަން ފާހަގަކޮށް ޓެންހާގް ބުނީ، އަނެއްކާވެސް އާސެނަލް ބަލިކުރެވޭނެ ކަމަށާއި، އެކަމަށް ބޭނުންވާ ސްކޮޑާއި ޕްލޭން އެބައޮތް ކަމަށެވެ.
ޔުނައިޓެޑުން އާސެނަލްގެ މައްޗަށް މޮޅުވި މެޗަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗެވެ. ލީގުގައި ކުރިއަށް މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅޭނީ މި މަހުގެ 22 ވަނަ ދުވަހު އާސެނަލްގެ ދަނޑުގައެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގައެވެ.
މި މެޗަށް ދެ ޓީމުން ކުރިމަތިލާއިރު، ލީގުގައި އަމިއްލަ ދަނޑުގައި އެންމެފަހުން އާސެނަލްއިން ޔުނައިޓެޑާ ދެކޮލަށް ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން އެ ޓީމު މޮޅުވެފައިވެއެވެ. އަނެއް ދެމެޗުގެ ތެރެއިން އެއްމެޗުވީ އެއްވަރެވެ.