ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަސިންދާ އަރްދަން އިސްތިއުފާ ދެއްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.
ވެރިކަންކުރާ ލޭބަރ ޕާޓީގެ މެމްބަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ބޮޑުވަޒީރު ޖަސިންދާ އަރްދަން ވިދާޅުވީ، ފެބްރުއަރީ 7 ގެ ކުރިން އިސްތިއުފާ ދެއްވާނޭ ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވާ ސީދާ ސަބަބެއް ޖަސިންދާ ވިދާޅެއް ނުވެއެވެ. ނަމަވެސް، ވިދާޅުވީ، މަގާމުގެ ޒިންމާތައް އަދާކުރުމާއިގެން ކުރިއަށް ވަޑައިގަތުމަށް އެކަމަނާއަށް "ޓޭންކްގައި މިހާރު އެކަށީގެންވާ ޖާގަނެތް" ކަމަށެވެ.
ފުލް ޓޭންކް ލިބި، ދިމާވާނެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުޑަ ރިޒާވެއް ހުރެގެންމެނުވީ ރަނގަޅަށް ވެރިކަން ނުކުރެއްވޭނޭ ކަމަށްވެސް ނިއުޒީލެންޑްގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ޖަސިންދާ އަރްދަން ވިދާޅުވީ، އެކަމަނާ ވެރިކަމުގައި ހޭދަކުރެއްވި 5 އަހަރާއި ބައިގެ މުއްދަތަކީ ގޮންޖެހުންތައް ގިނަ ދުވަސްތަކެއް ކަމަށާއި، އެހެންކަމުން ވެރިކަމުގައި އިތުރަށް ކުރިއަށް ވަޑައިގަތުމަށް ބޭނުންފުޅު ނުވާ ކަމަށެވެ.
ބޮޑުވަޒީރު ޖަސިންދާ އަރްދަންގެ އިސްތިއުފާގެ ޚަބަރު ނިއުޒީލެންޑްގެ ރައްޔިތުންނަށްވީ ސިހުމަކަށް ކަމަށް އެގައުމުގެ މީޑިއާއިން ރިޕޯޓްކުރެއެވެ. އަދި މުޅި ދުނިޔެއަށްވެސް ލިބިގެންދިޔައީ ބޮޑު ހައިރާންކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އުމުރުފުޅުން 42 އަހަރުގެ ޖަސިންދާ އަރްދަންއަކީ ނިއުޒީލެންޑްގެ އިތުރުން، ދުނިޔޭގައިވެސް ވަރަށް މަގްބޫލް ސިޔާސީ ލީޑަރެކެވެ.
ޚާއްސަކޮށް، ގުދުރަތީ ކާރިޘާތަކުގެ ވަގުތުގައާއި، ކޮވިޑްގެ އާލަމީ ވަބާއާ ކުރިމަތިލުމުގައި ޖަސިންދާ ޖަސިންދާ އަރްދަން އެޅުއްވި ހަރުދަނާ ކާމިޔާބު ފިޔަވަޅުތަކާއި، އެގައުމުގެ ތަރީޚްގައިވެސް ދެވުނު އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާގެ ވަގުތުގައި ކަންކުރެއްވި ގޮތުގެ ސަބަބުން އެކަމަނާގެ މަގްބޫލުކަން ނިއުޒީލެންޑްގައި އިތުރުވެ، ދުނިޔޭގެ އިހްތިރާމް ލިބިގެންދިޔައެވެ.
ނިއުޒީލެންޑަށްވުރެ ދުނިޔޭގެ އެހެން ގައުމުތަކުގައި ޖަސިންދާ އަރްދަންގެ މަގްބޫލްކަން ބޮޑުކަމަށްވެސް ބެލެވިފައި ވެއެވެ.
ދުނިޔޭގެ އެހެން ދިމަދިމާއިންވެސް ފެންނަފަދަ އިންފްލޭޝަން މައްޗަށް ދިއުމާއި، އިގްތިދާސަށް މަޑުޖެހުން އައުމާއި، އިދިކޮޅު ކޮންޒަވޭޓިވުންގެ ހަރަކާތްތައް ވަރުގަދަވުމުން، ނިއުޒީލެންޑްގައި ޖަސިންދާ އަރްދަންގެ މަގްބޫލްކަމަށް ހިޔަނިއެޅެން ފަށާފައި ވެއެވެ.
ނިއުޒީލެންޑްގައި ދެން އާންމު އިންތިޚާބު އޮންނާނީ އޮކްޓޫބަރުމަހުގެ 14 ވަނަ ދުވަހުއެވެ. ޖަސިންދާ އަރްދަންއަށްފަހު ނިއުޒީލެންޑް ސަރުކާރު ވަގުތީގޮތުން ހިންގަވާނީ ކޮން ބޭފުޅެއް ކަމެއް އަދި ސާފެއް ނުވެއެވެ. ލޭބަރ ޕާޓީން އެކަމަށް އަދި ގޮތެއް ނުނިންމައެވެ.
ޖަސިންދާ އަރްދަން ވިދާޅުވީ، އިންތިޚާބު ބޭއްވުމާ ހަމައަށް އެކަމަނާ ޕާލަމެންޓްގައި މިހާރު ތަމްސީލުކުރައްވާ ގޮނޑި ފުރުއްވާނެ ކަމަށެވެ.