އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއަށް ތާއީދުކުރައްވަން ނިންމަވައި، ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެކަން އިއުލާންކުރެއްވިއެވެ.

ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތަކާއިމެދު ދެ ރައީސުންގެ ދެމެދުގައި ޚިޔާލުތަފާތުވުން އުފެދި، އެމްޑީޕީ ދެ ފެކްޝަނަކަށް ބެހުނުފަހުން، ސިރާޖް ފާހަގަކުރެވުނީ ރައީސް މުހައްމަދު ނަޝީދުއާ އެއްކޮޅަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން މަޖިލީހުގެ ބައެއް ޖަލްސާތަކުގައި، ސަރުކާރަށް ފާޑުވިދާޅުވާ މެމްބަރެއްގެ ގޮތުގައި ސިރާޖު ފާހަގަކުރެވުނެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރު، ޕްރައިމަރީގައި ރައީސް ނަޝީދުގެ ކެމްޕެއިންގައި ސިރާޖު ފެނިގެންނުދެއެވެ.

ރައީސް ޞާލިޙްއަށް ތާއިދުކުރައްވަން ނިންމަވައި، އެކަން ހާމަކޮށް ސިރާޖް މީސްމީޑިއާގެ މަންސަތަކުގައި ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު ނުކުތުން މުހިންމުކަމަށް ފެންނާތީ، ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

ސިރާޖުގެ މި ނިންމެވުމާ ގުޅިގެން އޭނާއަށް ގިނަބަޔަކު އަންނަނީ މީސްމީޑިއާގައި މަރުޚަބާ ކިޔަމުންނެވެ.

އެމްޑީޕީން ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވާން ފެށި ހިސާބުން، އެ ޕާޓީގެ ބައެއް ޕާލިމަންޓު މެމްބަރުންނާއި، އިސް ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން، އެއް ފެކްޝަނުން އަނެއް ފެކްޝަނަށް ބަދަލުވާކަން ފާހަގަކުރެވެއެވެ. އެގޮތުން މި މަހުގެ ކުރީކޮޅު، ރައީސް ޞާލިޙްގެ ފެކްޝަނުގައި ހުންނެވި ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު ވަނީ، ރައީސް ޞާލިޙަށް ކުރެއްވި ތާއީދު ގެންދަވައި، ރައީސް ނަޝީދަށް ތާއީދުކުރެއްވުމަށް ނިންމަވައި އެކަން އިއުލާންކުރައްވާފައެވެ.

ރިޔާސީ ޕްރައިމަރީގެ ފޯރި އެމްޑީޕީގެ އެތެރޭގައި ގަދަވެފައިވާއިރު، ޕްރައިމަރީގައި ވާދަކުރާ ދެ ކެންޑިޑޭޓުން ވެސް ގެންދަވަނީ އަތޮޅުތެރެއާއި މާލޭގައި އުޅޭ އެ ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް، ކެމްޕެއިން ކުރައްވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.