މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިޔުމަށް ޚާއްސަ ރަށެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރި ހުޅުވަން ތައްރާރުވެފައިވާކަަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢުއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫޢުއެކެވެ. މީގެ ކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިތް އުފާކޮށްލުމަށް ޙާއްސަވެފައި އޮތް ކުޑަބަނޑޮސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައިވަނީ އަމިއްލަ ވިޔަފާރިއަކަށް ދޫކޮށްލާފައެވެ. މިކަމުގެ ސަބަބުން މާލެ ކައިރީގައި ދަތުރު ދިޔުމަށް އޮތް ލުއި ފުރުޞަތު ހަނިވެގެންދިއައެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ދަތުރު ދިޔުމަށް ސަރުކާރުން މާލެ ކައިރިން ރަށެއް ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރުއެވެ. ސަރުކާރާއި އެޗްޑީސީ ގުޅިގެން މިތަން ހުޅުވުމުގެ މަސައްކަތް ކުރިޔަށްދާއިރު މިހާރު ވަނީ އެރަށުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލާ ރަށް އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެފައިކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެޗްޑީސީން ބުނީ، ކުޑަގިރީގައި އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ލިބިގެންދާނެކަމަށާއި، އެ ކޯޕަރޭޝަނުން މިހާރު ވަނީ، ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފައިކަމަށެވެ. މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ކުޑަގިރިއަށް ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ.

ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު އެރަށުގައި ތަފާތު އެކި ކަންކަން ކުރެވޭނެއެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް އެތަނުގައި ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަނގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު ދޭނެކަމަށް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން، އެރަށުގައި ޑައިވިން އަދި ވޯޓަރސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ޓުއަރިސްޓުންނަށްވެސް ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ލިބޭނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ކުޑަގިރިއަށް ޕިކްނިކްދާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ކަންކަންވެސް އެޗްޑީސީން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން، އެތަނުގައި ފާހަނާބަރި، ޗޭންޖިންގ ރޫމާއި ނާސިންގް ރޫމްވެސް ވަނީ ގާއިމުކޮށްފައެވެ. މި ނާސިންގް ރޫމް ގާއިމްކުރެވިފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތަކާއިއެކުއެވެ. އަދި މިސްކިތަކާއި، ކްލިނިކްއަކާއި، ކޮންވީނިއެންސް ސްޓޯރ އަދި ރީޓެއިލް ސްޓޯރގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކޮށްފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފައެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފައެވެ. ކުޑަގިރީގައި ޤާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރ އަދި ވޯޓަރ ސްޕޯޓްސް ސެންޓަރ ހިމެނެއެވެ. މީގެއިތުރުން، އެޑްމިން ބިލްޑިންގ އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް އެރަށުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވެއެވެ. ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ދޫކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވެއެވެ.

ކުޑަގިރީގެ މަސައްކަތް ނިންމާ މިރަށް ހުޅުވާލާއިރު މިރަށަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ކަންކަން އުނދަގުލެއްނެތި ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައިވަކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މި ރަށް ހުޅުވާލެވޭއިރު ޕިކްނިކް ދިޔުމަށް ހަދައިފައިވާ އެންމެ ފުރިހަމަ ރަށްކަމުގައި ކުޑަގިރި ވެގެންދާނެކަމުގެ ޔަގީންކަންވެސް އެކޯޕަރޭޝަނުން ދެއެވެ.

ކުޑަގިރިއާއެކު މާލެ ސަރަހައްދުގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި އިހުގެ ޒަމާނީ ދަތުރު ދިއުމުގެ އާދަ އިޔާދަކުރުމުގެ ފުރުޞަތު އަލުން ހުޅުވިގެންދާނެއެވެ.