ރިޔާސީ ނިޒާމަކީ ގަބޫލުކުރައްވާ ވެރިކަމުގެ ނިޒާމެއްނޫން ކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަގާމަށް ކުރިމަތިލައްވާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލްކުރައްވާ މެމްބަރު، އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތަކާއިމެދު އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއާއި އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި، އެ ޕާޓީ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. އީވާ އަކީ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅާ އެއްގޮތަށް، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން ތާއީދުކުރައްވައި، ސިޔާސީ ހަޔާތް ފެއްޓެވީއްސުރެ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުންނަވާ ޝަހްސިއްޔަތެކެވެ.

ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އީވާއާ ކުރިމަތިކުރުވި ސުވާލަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާފާނަންތޯ، މިއީއެވެ. މި ސުވާލަށް ޖަވާބުދެއްވަމުން އީވާ ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުކަމަށް އެކަމަނާ ކުރިމަތިލައްވާނެ ކަމަށެވެ.

"ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުކަމަށް އަޅުގަނޑު ކުރިމަތިލާނަން. ރިޔާސީ ނިޒާމަކީ އަޅުގަނޑު ގަބޫލުކުރާ އެއްޗެއްނޫން".
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ

ރާއްޖޭގެ ތާރީޚުގައި ވެސް މަޖިލީހުގެ ފުރަތަމަ އަންހެން ނައިބު ރައީސްކަމުގެ މަގާމު ހޯއްދަވައި، އެ ޝަރަފު ހާސިލްކުރައްވައި، ވަރަށް ފުރިހަމައަށް އެ މަގާމު ފުރުއްވަމުން ގެންދަވާ އީވާ، ރައީސް ޞާލިޙްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އަދި ސިޔާސީ ލީޑަރެއްގެ ގޮތުގައި ރައީސް ޞާލިޙް ކަމުނުދާ ކަމަށެވެ.

އީވާ ފާހަގަކުރެއްވެނީ ރައްޔިތުންގެ މަޖިލީހުގައި ވެސް، އާންމު ބައްދަލުވުންތަކުގައި ވެސް އަދި މީސްމީޑިއާގައި ވެސް، ފާޅުގައި ރައީސް ޞާލިޙަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭކަނބަލެއްގެ ގޮތުގައެވެ. އަދި ރައީސް ނަޝީދުގެ ވިސްނުންފުޅުތަކާ އެއްގޮތަށް، އެ ވިސްނުންފުޅުތަކާއި ތަސައްވުރުތަކުގެ ދިފާއުގައި އެކަމަނާ އަބަދުވެސް ގެންދަވަނީ ވަކާލާތުކުރައްވަމުންނެވެ.

މި މަހު 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރައްވާ ކެމްޕެއިން ދަތުރުފުޅުތަކުގައި ވެސް އީވާ ބައިވެރިވެވަޑައިގަންނަވައެވެ.