އެކުވެރިކަމުގެ މެޗެއްގައި ސައުދީގެ އަލް ހިލާލް އަދި އަލް ނަސްރުގެ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސައުދީ އޯލް ސްޓާ ޓީމު، ޔޫރަޕު ފުޓުބޯޅައިގެ ގަދަބާރު ޕީއެސްޖީ އަތުން ބަލިވިނަމަވެސް، ރޮނާލްޑޯގެ ކެރިއަރު ނިމުނީކަމަށް އަދި އޭނާއަށް މިހާރު ނުކުޅެވޭކަމަށް ބުނެ ފާޑުކީ ފަރާތްތަކަށް އޭނާ ވަރުގަދަ ރަށްދެއްދީފިއެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޔޫރަޕު ފުޓުބޯޅަ ދޫކޮށް، ސައުދީ ލީގަށް ބަދަލުވިފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ 2020 ވަނަ އަހަރަށްފަހު ރޮނާލްޑޯއާއި މެސީގެ ކުރިމަތިލުމެއް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. މި މެޗަކީ، ފުޓުބޯޅައިގައި މެސީއާއި ރޮނާލްޑޯގެ ކުރިމަތިލުމެއް ފެނިގެންދާނެ ފަހު ފަހަރުކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، މެޗަށް ގިނަ ބަޔަކު އިންތިޒާރުކުރިއެވެ.

ސައުދީގެ ކިންގް ފަހްދް އިންޓަނޭޝަނަލް ސްޓޭޑިއަމުގައި 68،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ، ސަޕޯޓަރުން ބަލާހިތްވާފަދަ މޮޅު، އަވަސް، ވާދަވެރި ކުޅުމެކެވެ. މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 4-5 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑެއްޖަހައި ލީޑުނަގާފައެވެ، ނޭމާ ނަގައިދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިއޮނެލް މެސީއެވެ.

މެޗު ފެށުމުގެ ކުރިން ގިނަ ބަޔަކު ގަބޫލުކުރީ މި މެޗު ޕީއެސްޖީން ފަސޭހަކަމާއެކު ކާމިޔާބުކުރާނެ ކަމަށެވެ. ސަބަބަކީ އެ ޓީމުގައި، ޔޫރަޕުގައި މިވަގުތު ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް އޮތުމެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް ލައިނުގައި ތިބި، ލިއޮނެލް މެސީއާއި ކިލިއަން އެމްބާޕޭގެ އިތުރުން ނޭމާ އަކީ މިވަގުތު ޔޫރަޕު ފުޓުބޯޅައިގެ އެންމެ މޮޅު ކުޅުންތެރިންނެވެ.

އެހެންނަމަވެސް ގިނަ ބަޔަކު އުންމީދު ކުރިގޮތާ ހިލާފަށް، ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ސައުދީ އޯލްސްޓާސް ޓީމުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ރޮނާލްޑޯއަށް، ޕީއެސްޖީގެ ކީޕަރު، ކޭލާ ނަވާޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ.

އޭގެ ފަސް މިނެޓުފަހުން ޕީއެސްޖީއަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނެވެ. އެއީ ކައުންޓާ އެޓޭކެއްގައި މުޅިން ހުސްކޮށްހުރެ ގޯލާ ދިމާލަށްދިޔަ ސައުދީ އޯލްސްޓާ ޓީމުގެ ކުޅުންތެރިއަކަށް، ޕީއެސްޖީގެ ހުއާން ބާނަޓް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރެފްރީ ރަތްކާޑެއް ދެއްކުމުންނެވެ.

ޕީއެސްޖީން ވަނީ މެޗުގެ 43 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް މެޗުގައި ލީޑުނަގާފައެވެ. ކިލިއަން އެމްބާޕޭ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާކީނިއޯސްއެވެ. އެފަހުން ލީޑުފުޅާކުރަން ނޭމާއަށް ފުރުސަތެއް ލިބިފައިވެއެވެ. އޭރިއާ ތެރެއިން ނޭމާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ލިބުނު މި ފުރުސަތުގައި، ނޭމާ ފޮނުވާލި ބޯޅަ ދިފާއުކުރީ ސައުދީ އޯލްސްޓާ ޓީމުގެ އަދި ސައުދީ ގައުމީ ޓީމުގެ ވެސް ކީޕަރު، މުހައްމަދު އަލް އޮވައިސްއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައުދީ އޯލްސްޓާ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމުގެ ކުޅުންތެރިއަކު ނަގައިދިން ހުރަހަކުން، ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި އެނބުރި އައުމުން، ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ރޮނާލްޑޯއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ދެ ޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑުޖަހާނެ ފުރަސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މަސައްކަތުގައި ޕީއެސްޖީން ވަނީ ހާފުގެ އަށްވަނަ މިނެޓުގައި ކާމިޔާބީ ހޯދާފައެވެ. އެމްބާޕޭގެ ހުނަރުވެރި ކުޅުމަކަށްފަހު އޭރިއާ ތެރެއަށްވަދެ ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ ރާމޯސްއެވެ.

އޭގެ ތިން މިނެޓުފަހުން އަނެއްކާވެސް ސައުދީ އޯލްސްޓާ ޓީމުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖަންގް ހިއުންސޫއެވެ.

ޕީއެސްޖީން މެޗުގައި ހަތަރުވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 60 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ސައުދީ އޯލްސްޓާ ޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ.

މި މެޗުގައި ކުޅުނު ގިނަ ތަރިންތަކެއް، 61 ވަނަ މިނެޓުގައި ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ރޮނާލްޑޯ، މެސީ، ނޭމާ، އެމްބާޕޭ، ރާމޯސް ވެސް ވަނީ ބަދަލުކޮށްފައެވެ.

މެޗުގައި ޕީއެސްޖީގެ ފަހު ލަނޑަކީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ހޫގޯ އެކިޓިކޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑު އޭނާ ޖެހީ، ކައުންޓާ އެޓޭކެއްގައި ތަނަވަސްވި ފުރުސަތަކުން މެޗުގެ 78 ވަނަ މިނެޓުގައެވެ.

ސައުދީ އޯލްސްޓާ ޓީމުގެ އަދި މެޗުގެ ވެސް އެންމެފަހު ލަނޑު މެޗުގެ އެންމެ ފަހުވަގުތުކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޓަލިސްކާއެވެ.

ރޮނާލްޑޯއާއި މެސީގެ ކުރިމަތިލުން ފެނިގެންދާނެ ފަހު ފަހަރުކަމަށް ގިނަބަޔަކު ގަބޫލުކުރާ މި މެޗަކީ، ރިޔާދު ފެސްޓިވަލްގެ ތެރެއިން ހިމެނޭ ރަހުމަތްތެރިކަމުގެ މެޗެކެވެ.

މެޗުން ސައުދީ ޓީމު ބަލިވިނަމަވެސް، މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނިގެންދިޔައީ، ޔޫރަޕުގެ އެންމެ ޓޮޕް ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިންގެ ފަރާތުން ފެނިގެންދާފަދަ މޮޅު ކުޅުމެއްކަން ގިނަބަޔަކު ފާހަގަކުރެއެވެ. ޔޫރަޕު ފުޓުބޯޅަ ދޫކޮށްލައި، ސައުދީއަށް ބަދަލުވުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި، ޔޫރަޕުގެ ބޮޑު ކުލަބެއް ކޮޅަށް ދެ ލަނޑު ޖަހައި ރޮނާލްޑޯ މިވަނީ އެއީ އަދިވެސް "ރަން" ކަން ސާބިތުކޮށްދީފައެވެ. މެސީގެ ޕީއެސްޖީއާ ދެކޮޅަށް ސައުދީ އޯލްސްޓާ ޓީމުން ކުޅުނު މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވެސް ރޮނާލްޑޯއެވެ.