ތިލަދުންމަތީގެ ތިން ރަށް ރިސޯޓްގެ ގޮތުގައި ތަރައްޤީކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ބީލަމަށް ހުޅުވާލާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމާއި ގުޅިގެން އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ ޢަމާޒުގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާއިއެކު ތިލަދުންމައްޗަށް 8000 ފަތުރުވެރިކަމުގެ އެނދު ތަރައްޤީކުރުމަށް ޓޫރިޒްމް މިނިސްޓްރީން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް މާލެ ސަރަޙައްދުން ބޭރުގައި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް. ޖައިޝަންކަރެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކުރިއަށްގެންދާ 2.1 ބިލިއަން ރުފިޔާގެ ބިޔަ މި މަޝްރޫޢު ކޮންޓްރެކްޓްކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ ވަޞީލަތްތަކާއެކު ބޮޑެތި މަތިންދާބޯޓުފަހަރަށް ޖެއްސޭވަރުގެ 2460 މީޓަރުގެ އާ ރަންވޭއެއް، މި އެއާޕޯޓުގައި ތަރައްޤީކުރެވޭނެއެވެ. އަދި ދިވެހިވަންތަ ސިފައަކަށް ފަރުމާކޮށްފައިވާ ޒަމާނީ ޓާމިނަލަކާއެކު އެއާޕޯޓް ތަރައްޤީކުރެވިގެންދާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭގޮތަށެވެ.

އެއާޕޯޓް ނިމުމާއެކު ސީދާގޮތުންނާއި ނުސީދާގޮތުން، މި ސަރަޙައްދުގެ އިގްތިޞޯދަށް ދިރުން ލިބި ބޮޑުތިލަދުންމައްޗަކީ އިޤްތިޞާދީ ވަރުގަދަ ހަބަކަށްވުމަށް މަގުފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ.