ފަތުރުވެރިކަމުގެ ކޮންސިއުމަރުން އަދި ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުން އެއްތަނަކުން ބައްދަލުކުރުމަށާއި އިންބައުންޑް އަދި އައުޓްބައުންޑް މާކެޓްތަކަށް ހާއްސަކޮށް ބާއްވާ ފިތޫރް 2023ގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އަދި އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވެއްޖެއެވެ.

މިއަހަރު ރާއްޖެއިން ބައިވެރިވާ އެންމެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއަރކަމަށްވާ ފިތޫރ 2023ގައި ރާއްޖޭގެ އަޖައިބުކުރުވަނިވި ތަޖުރިބާތައް ވިޒިޓް މޯލްޑިވްސްއިން މާކެޓްކުރަމުންދާއިރު، މި ހަރަކާތް ކުރިޔަށް ދަނީ ޖެނުއަރީ 18 އިން 22 އަށް ސްޕެއިންގެ މެޑްރިޑްގެ އިފެމާ މެޑްރިޑްގެ ރެސިންޓޯ ފެރިއާގައެވެ.

ފިތޫރްއަކީ ޓްރެވަލް އެޖެންސީތަކާއި، ހޯލްސޭލަރުންނާއި، ހޮޓަލްތަކާއި އެކޮމޮޑޭޝަންތަކާއި، އެއަރލައިންތަކާއި، ފަތުރުވެރިކަމުގެ ލެޝާރ އަދި ކަލްޗަރަލް އެކްސްޕީރިއަންސްތައް ފޯރުކޮށްދޭ ފަރާތްތަކާއި، މަންޒިލްތަކާއި، މި ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރާ ފަރާތްތަކާއި، ސްޕެއިންގެ ރަސްމީ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ބައިވެރިވާ ފެއަރއެކެވެ. މިއީ ވިޔަފާރީގެ ރަގަނޅު ފުރުސަތުތަކެއް ފަހިކޮށްދޭ ފެއަރއަކަށްވާއިރު، މި ފެއަރއަށް ފަތުރުވެރިކަމުގެ ހިދުމަތްތައް ގަންނަން ބޭނުން ފަރާތްތަކާއި، އިންފްލުއެންސަރުންނާއި މާކެޓް ޕްރޮފެޝަނަލުން ޒިޔާރަތްކުރެއެވެ.

އެމްއެމްޕީއާރުސީއާއެކު މި ފެއަރގައި އިންޑަސްޓްރީގެ 23 ކުންފުންޏަކުން 41 ފަރާތެއް ބައިބެރިވެ، އެފަރާތްތަކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް މާކެޓްކުރެއެވެ. އެމްއެމްޕީއާރުސީއިން މި ފެއަރ މެދުވެރިކޮށް ސަނީ ސައިޑް އޮފް ލައިފްއިން ލިބޭ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމަންޓުތައް ޕްރޮމޯޓުކުރަމުންދެއެވެ. ފިތޫރް 2023 ގައި އެމްއެމްޕީއާރުސީއިން ބައިވެރިވުމުގެ މަޤްޞަދުގެ ތެރޭގައި ސްޕެއިންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އުފެއްދުންތަކާއި މަންޒިލުން ލިބޭ ތަޖުރިބާތަކާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމާއި، ސްޕެއިންގެ އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާ ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ފިތުރު 2023ގެ ތެރޭގައި ރާއްޖޭގެ ސްޓޭންޑުގައި އެމްއެމްޕިއާރުސީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ނަސީބުވެރި ހަތަރު ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުުރުމުގެ ފުރުސަތު ލިބޭ ހާއްސަ ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ގުރުއަތުގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ކޮންސިއުމަރުންނާއި ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނަށް ބައިވެރިވެވޭނެއެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ ފެއަރގެ އެއްވަނަ، ތިންވަނަ، ހަތަރުވަނަ އަދި ފަސްވަނަ ދުވަހުއެވެ. އަދި މިއިން ކޮންމެ ދުވަހަކު ހޮވާނީ އެއް ނަސީބުވެރިއެކެވެ. ކުއެސްޝަނިއާއެއް މެދުވެރިކޮށް ބައިވެރިވެވޭ މި ގުރުއަތުން ދެވޭ ހިލޭ ޗުއްޓީތައް ސްޕޮންސާކޮށްފައި ވަނީ އަދާރަން ސެލެކްޓް ހުދުރަންފުށި، ސަން ސިޔާމް ރިސޯޓްސް، ބްރެނިއާ މޯލްޑިވްސް، އަދި އަންގްސާނާ ވެލަވަރު ރިސޯޓުންނެވެ.

ސްޕެއިން އަކީ 2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 މާކެޓުގެ ތެރޭގައި ހިމެނޭ އެއް މާކެޓެވެ. މިދިޔަ އަހަރުގެ ތެރޭގައި ސްޕެއިންއިން ވަނީ ރާއްޖެއަށް 42،148 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން މި މާކެޓަށް އަމާޒުކޮށް މި އަހަރު ވެސް ފިޒިކަލް ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން، އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތަކާއި މި މާކެޓްގެ ޓޮޕް ޓުއަރ އޮޕަރޭޓަރުންނާއި އޮންލައިން ޓްރެވަލް އެޖެންސީތަކާ އެކު ކެމްޕޭންތައް ހިންގުމަށް ވަނީ ރާވާފައެވެ. އަދި ނޫސްވެރިންނަށް ރާއްޖެ އަމިއްލައަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި މާކެޓަށް އަމާޒުކޮށްގެން މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތައްވެސް މިއަހަރު ތެރޭގައި ހިންގުމަށް ނިންމާފައިވާކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.