ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޢަބްދުﷲ ޔާމީނަށް އިއްވާފައިވާ ޙުކުމް އިސްތިއުނާފްކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށްކުރި ޙުކުމާ ގުޅިގެން އޮތް ކަންބޮޑުވުންތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިސްތިޢުނާފް ލަސްވީ ޙުކުމް ނުލިބިގެންކަން ފާހަގަކޮށް ޖަމީލު ވަނީ ޤާނޫނު ބުނާގޮތައް އިއްވާ ޙުކުމް މައްސަލައިގެ ހަސްމުންނަށް ދޭން ޖެހޭނެކަމަށް ބުނެ އެ ދުވަހު ކޯޓުން އެގޮތަށް އަމަލުކޮށްފައި ނުތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޖަމީލް ވަނީ ރިޕޯޓް ލިބުނުއިރު ޙުކުމް އޮތް ގޮތާ މެދު ވެސް ނުރުހުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޤާނޫނު ބުނާ ގޮތުން ކޯޓުން އިއްވާ ޙުކުމަކަށް ވާނީ ފަނޑިޔާރު ކޯޓުގައި އިއްވާ ޙުކުމް ކަމަށާއި އެއަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

އެ މައްސަލައިގެ ފުރިހަމަ ރިޕޯޓް ލިބުމަށް އެތައް ދުވަހެއް ނެގިކަން ހާމަކުރައްވަމުން ޖަމީލް ވިދާޅުވިީ އެޙުކުމުގައި ވަރަށް ބޮޑެތި ފުށުއެރުންތައް އެބަހުރިކަމަށާއި އިސްތިއުނާފް މަރުހަލާގައި އެކަންކަން ހާމަކުރާނެކަމަށެވެ. ޖަމީލް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައި އިސްތިއުނާފަށް ހުށަހެޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ނުދައްކާ ވާހަކަތަކެއް ކްރިމިނަލް ކޯޓުގެ ޙުކުމުގައި ލިޔެފައިވާ ކަމަށް މީގެ ކުރިންވެސްރައީސް ޔާމީނުގެ ޤާނޫނީ ޓީމުން ވަނީ ތުހުމަތުކޮށްފައެވެ.

ރައީސް ޔާމީން ޖަލަށްލާފައިވަނީ، ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަމުގެ ކުށް ސާބިތުވެ، 11 އަހަރުގެ މުއްދަތަކަށެވެ. މިހުކުމް އިއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.