ބާސެލޯނާއާއި ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި، ޖެރާޑް ޕީކޭ، އޭނާގެ ކުރީގެ އަންހެނުން، މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާއަށް ބޭވަފާތެރިވިކަން ފަޅާއެރީ ޖޭމް ފުޅިއެއްގެ ސަބަބުންކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މިފަދަ ވާހަކަތަކެއް މީޑިއާގައި ފެތުރެމުން އަންނައިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މި ދެ މީހުން ވަނީ އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނައިކަން، ޖޮއިންޓް ސްޓޭޓްމަންޓަކުން ހާމަކޮށްފައެވެ. މި ދެ ތަރިން ވަކިވެފައިވަނީ، އެކުގައި 11 އަހަރު އުޅުމަށްފަހުއެވެ.

މީޑިއާތަކުން ޝަކީރާއާ ހަވާލާދީ ބުނާގޮތުގައި، މި ގުޅުން ނިމުމަކަށް އައިސްފައިވަނީ، ޝަކީރާއަށް ޕީކޭ ބޭވަފާތެރިވުމުންނެވެ. އެގޮތުން ޕީކޭ ވަނީ، ޝަކީރާއާ ކައިވެނީގެ ގޮތުން ގުޅިގެންހުރެ، 23 އަހަރުގެ ކްލެރާ ޗިއާ ނަމަކަށްކިޔާ އަންހެނަކާ ގުޅުން ބާއްވާފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އެ ދެ މީހުން އެކުގައި އުޅޭ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި ދައުރުކޮށްފައިވެއެވެ.

ސްޕެއިންއާއި ޔޫރަޕުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕީކޭގެ މި ސިއްރު ގުޅުން ޝަކީރާއަށް ފަޅާއެރީ، ޝަކީރާގެ ސްޓްރޯބެރީ ޖޭމް ދަޅެއް ހުސްވެފައި ހުރުމުންނެވެ. އަދި ޕީކޭއާއި އެ ދެމަފިރިންގެ ދަރިންނަކީ ވެސް، ސްޓްރޯބެރީ ޖޭމް ކާ ބައެއް ނޫން ކަމަށާއި، އެ ގޭގައި ސްޓްރޯބެރީ ޖޭމް ކަނީ ހަމައެކަނި ޝަކީރާކަމަށް ވާއިރު، ޖޭމް ފުޅި ހުސްވެފައި ހުންނާނީ ކޮންމެވެސް އެހެން މީހަކު އެގޭގައި އުޅެ، ކެއުމުން ކަމަށް، ޝަކީރާއަށް ގަބޫލުކުރެވި، އެކަމާ ގުޅިގެން ހިނގި ޒުވާބެއްގެ ތެރެއިން އެކަން ފަޅާއެރީކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ދެ ތަރިންގެ ގުޅުން ނިމުމަކަށް އައިފަހުން، މިފަހުން މީސްމީޑިއާގައި ވެސް އަދި އެހެނިހެން ގޮތްގޮތުން ވެސް މި ދެ ތަރިންގެ ކުރިމަތިލުންތައް ފެނެއެވެ. އެގޮތުން ޝަކީރާގެ ލަވަތަކުގައި ފީކޭއަށް ފާޑުކިޔުމާއި، އެ ފާޑުކިޔުންތަކަށް ޕީކޭ ރައްދުދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ޝަކީރާއާއި ޕީކޭ ކައިވެނީގެ ގޮތުން ގުޅިފައިވަނީ 2011 ވަނަ އަހަރުއެވެ. އެ ދެމަފިރިންގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެއެވެ.