ސަރުކާރުން ޕްރޮމޯޓްކުރި ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ނުކުމެ ހުރަސް އެޅުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް މިފަދައިން ވިދާޅުވީ، ސަރުކާރުގެ ހުއްދައާއިއެކު މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީ ޚިދުމަތަށް ތައްޔާރުވެފައި ވަނިކޮށް ކައުންސިލާއި މަޝްވަރާކުރުމެއްނެތި ސަރުކާރުން ބަސް ޚިދުމަތް ފަށަން ނިންމި ނިންމުމާއި ދެކޮޅަށް ކައުންސިލްގެ 85 ވަނަ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިކަމާއި ގުޅިގެން ނަރީޝް ވިދާޅުވީ، މާލޭގެ މަގުތަކުގައި ދުއްވަން ސަރުކާރުން ގެންނަނީ އިލެކްޓްރިކް ބަސް ކަމަށް ބުނެ ފުރަތަމަގެނައީ ޑީސަލް ބަސްތަކެއް ކަމަށާއި، އެއަށްފަހު، ޓްރާންސްޕޯޓް މިނިސްޓްރީއިން މައްސަލަ ޖެއްސުމުން އިލެކްޓްރިކް ބަސްކޮޅެއް ގެނެސް އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް ރައީސް ސޯލިހް އެ ބަސްތައް ވިލިމާލެއަށް ގެންދިޔައީ ކަމަށެވެ.
ކުއްލިއަކަށް ވިލިމާލޭގައި ބަހުގެ ޚިދުމަތް ދޭން ނިންމިއިރު ކައުންސިލާއި އެއްވެސް މަޝްވަރާއެއް ސަރުކާރުން ނުކުރާ ކަމަށާއި، ކައުންސިލުން ބަގީގެ ޚިދުމަތާއި ގުޅިގެން ކުރި މަސައްކަތަކީ ސަރުކާރަށް ސާފުވާނެ ކަމެއް ކަމުގައި ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ، ބަހުގެ ޚިދުމަތް ސަރުކާރުން ވިލިމާލޭގައި ދޭން ނިންމިއިރު މާލެ ސިޓީ ކައުންސިލުން ބަގީގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތް ސަރުކާރާއި ގުޅިގެން ކޮށްފައިވާކަންވެސް މިސަރުކާރަށް ސާފުނުވާ ކަމަށެވެ.
ނަރީޝް ވިދާޅުވީ ވިލިމާލެ ކަހަލަ ހިތްފަސޭހަ ތަނަކަށް ބޮޑެތި ބަސްތަކެއް އަރުވައިގެން ރައްޔިތުންނަށް ޖެހޭނީ ތަކުލީފުތަކެއް ކަމަށެވެ.
މީގެއިތުރުން، ސަރުކާރުން އެދޭ ހުރިހާ ކަމެއްގައި މާލެ ސިޓީ ކައުންސިލުން ވާނީ ފުރިހަމަޔަށް އެއްބާރުލުންދީފައި ކަމަށާއި، އެހެންކަމުން ކައުންސިލުން ސަރުކާރުގެ ހުއްދައާއި، ވިލިމާލޭގެ ރައްޔިތުންގެ ޚިޔާލާއިއެކު، އެތަނުގައި ޚިދުމަތެއް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދޭންވާނީ މާލެ ސިޓީ ކައުންސިލާއިއެކު މަޝްވަރާކުރުމަށްފަހުގައި ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.
ނަރީޝް މިފަދައިން ވިދާޅުވެފައިވާއިރު، އެމްޓީސީސީން ވަނީ މިއަދު މިނީ ބަހުގެ ހިދުމަތް ވިލިމާލޭގައި ދޭން ފަށާފައެވެ. މިކަމާ ވިލިމާލޭގެ ބައެއް ރައްޔިތުންގެ ޚިޔާލުތަފާތެވެ.