މިމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކާއި ގާތްކޮށްފައިވާކަން ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 97،873 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 22.8 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 79،718 ފަތުރުވެރިންނެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު 5،437ގައި ހުރިއިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަސް ހޭދަކުރާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ފުރަތަމަ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކާއި ގާތަށް އަރާފައިވާއިރު، މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ މާކެޓުންނެވެ. އެމާކެޓުން 15،218 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާރު، ލިސްޓުގެ ދެވަނާގައި އޮތް އިޓަލީން 10،660 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ތިން ވަނާގައި އޮތް އިންޑިއާއިން 9،242 ފަތުރުވެރިން މި މުއްދަތުގައި ޒިޔާރަތްކޮށްފައިވެއެވެ. މިލިސްޓުގައި ދެން ހިމެނެނީ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އެމެރިކާ، ފްރާންސް، ކަޒަގިސްތާން، އޮސްޓްރޭލިއާގެ އިތުރުން ސްވިޒަރލޭންޑެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ޓުއަރިޒަމް މިނިސްޓްރީން 1،216 ތަނަކަށް ހުއްދަދީފައިވާރު، މިހާރު ހިދުމަތްދެމުން އަންނީ 1،212 ތަނަކުންނެވެ. އެއީ 168 ރިސޯޓާއި، 13 ހޮޓެލްގެ އިތުރުން 874 ގެސްޓްހައުސް އަދި 157 ސަފާރީއެވެ. މިއީ 59،734 ބެޑް ކެޕޭސިޓީއެވެ. ބެޑް ކެޕޭސިޓީގެ އެންމެ ބޮޑު އިންސައްތައެއް ރިސޯޓްތަކުން ހިއްސާކުރާއިރު، އެއީ 69 އިންސައްތައެވެ.

މިއަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ޓޫރިޒަމްގެ ރެކޯޑެއް ހެދުމަށެވެ. މިދިޔަ 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިނެވެ. މި އަމާޒު ވާސިލްވެ، މިދިޔަ އަހަރު ރާއްޖެއަށް 1،675،303 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.