ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި، ޔޫކްރެއިންނަށް ބަރު ހަތިޔާރު ފޯރުކޮށްދިނުމާމެދު ފަސްޖެހި، ނޭޓޯގެ މެމްބަރު ގައުމުތަކުގެ މެދުގައި މި މައްސަލައިގައި ހިޔާލުތަފާތުވުން އުފެދިއްޖެއެވެ.

މީގެ 11 މަސް ކުރިން ރަޝިއާއިން ޔޫކްރެއިންއަށް އަރައިގަނެ ފެށި ހަނގުރާމައިގައި، ރަޝިއާ ސިފައިން ފަހަތަށް ޖެއްސުމަށް، ޔޫކްރެއިންއަށް ވަރުގަދަ ހަތިޔާރު ފޯރުކޮށްދިނުމަށް މީގެކުރިން، ނޭޓޯގެ ގައުމުތަކުން ވަނީ މަޝްވަރާތައް ކޮށްފައެވެ. ޔޫރަޕްގައި ހަނގުރާމަ އިތުރަށް ހޫނުވެދާނެ ކަމުގެ އިންޒާރު ރަޝިއާއިން ދީފައި ވަނިކޮށް، ޔޫކްރެއިންއަށް ޖަރުމަނު ވިލާތުގެ ހަނގުރާމައިގެ ޓޭންކްތައް ފޯރުކޮށްދިނުމަށްވި އެއްބަސްވުމުގައި، މިހާރު މިވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ.

ޖަރުމަނުވިލާތުގައި ހުންނަ އެމެރިކާގެ ރަމްސްޓެއިން އެއާ ބޭސްގައި ނޭޓޯ އާއި ގާތްގަނޑަކަށް 50 ގައުމެއްގެ ދިފާއީ ލީޑަރުން ހުކުރު ދުވަހު ބައްދަލުކޮށްފައިވާއިރު، މިއީ މީގެ 11 މަސް ކުރިން ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް ފަހުން، ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުމާމެދު މަޝްވަރާކުރުމަށް ބޭއްވި ސިލްސިލާ ކޮންފަރެންސްތަކުގެ ތެރެއިން އެންމެފަހުގެ ކޮންފަރެންސެވެ.

މި ކޮންފަރެންސްގައި ޔޫރަޕު ގައުމުތަކުގެ ލީޑަރުން ވަނީ، ޖަރުމަނުގެ ލެޕާޑް ޓޭންކުގެ ދެ ޓޭންކް ޔޫކްރެއިންއަށް ދިނުމަށް، ޖަރުމަނަށް ވަރަށް ބޮޑަށް ބާރުއަޅާފައެވެ. އެހެންނަމަވެސް އަދިވެސް މިކަމާ މެދު ގޮތެއް ނިންމިފައެއް ނުވެއެވެ. މިއާއެކު މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މިއީ، ހަތިޔާރު ފޯރުކޮށްދިނުމާމެދު ނޭޓޯގެ ތެރޭގައި ބައިބައިވުން އިތުރުވަމުންދާ ކަމުގެ އިޝާރާތެކެވެ.

ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް ވަނީ، އެ ގައުމުން ޔޫކްރެއިންއަށް ހަތިޔާރުފޯރުކޮށްދިނުމަށް ދެކޮޅު ނުހަދާ ކަމަށް ބުނެފައެވެ. އަދި ނޭޓޯގެ މެމްބަރު ގައުމުތަކުން މި މައްސަލައިގައި އިއްތިފާގުވެ، އެއްބަސްވުމަކަށް އައިސްފިނަމަ ހަތިޔާރު ފޯރުކޮށްދޭނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި ހަތިޔާރު ފޯރުކޮށްނުދެވެނީ ޖަރުމަނުން އެކަމަށް ހުރަސްއަޅާތީކަމަށް ދޭހަވާ މޭރުމަކުން ބައެއް ފަރާތްތަކުން ވާހަކަދައްކާތީ ބޮރިސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުމަށް ނޭޓޯގެ ގައުމުތަކުން ކުރަމުންދާ މަޝްވަރާއާ ގުޅިގެން ރަޝިއާގެ މާބޮޑު ކަންބޮޑުވުމެއް ނެތެވެ. އަދި ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދީގެން މި ހަނގުރާމަ ކާމިޔާބު ކުރެވިދާނެކަމަށް ޔޫރަޕުގެ ގައުމުތަކުން ދެކުން އެއީ ކުލަނުވާނެ ހުވަފެނެއްކަމަށް ރަޝިއާއިން ބުނެފައިވެއެވެ. އަދި އެކަމުން ނުކުންނާނީ ގޯސް ނަތީޖާއެއް ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރުކުރާނީ ޔޫކްރެއިންއާއި އެ ގައުމުގެ ރައްޔިތުންނަށް ކަމަށް ބުނެ ރަޝިއާއިން ވަނީ ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ.