އަންނަ ހޮނިހިރު ދުވަހު ބާއްވާ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ފުވައްމުލަކަށް ވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅުގައި ފުވައްމުލަކު ވައިގެ ބަދަރުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމެވެ.
މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފުވައްމުލަކު ރަސްމީ ކެމްޕެއިން ޖަގަހަ ހުޅުވުން އޮންނާނެއެވެ. އަދި އޭގެފަހުން އެމްޑީޕީގެ މެންބަރުންނާ ރައީސް ބައްދަލުކުރަށްވާ ގޮތައްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ޓީމުން ބުނީ، މާދަމާ ގދ. ތިނަދޫއަށާއި ގއ. ވިލިނގިއްޔަށް ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށާއި މި ދަތުރުފުޅުން އެނބުރި ވަޑައިގަންނަވާނީ މާދަމާ ރޭގަނޑުކަމަށެވެ.
ރައީސް ވަނީ ރޭ އާޓިފިޝަލް ބީޗްގައިވެސް އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާއެއް ބާއްވާފައެވެ.
އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި މި ފަހަރު ވޯޓުލެވޭނީ 57،255 މެމްބަރުންނަށެވެ. ވޯޓުލުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން އެ ދުވަހުގެ ހަވީރު 5:00 އާއި ހަމައަށެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. މި ދެ ބޭފުޅުން ވެސް އަންނަނީ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.