ފުރަތަމަ ފަހަރަށް ހަނދުގައި ފައިޖައްސައި، ހަނދުގައި ހިނގި ދެ އެސްޓްރޮނެޓުންގެ ތެރެއިން، އެޑްވިން ބަޒް އަލްޑްރިން ހަތަރުވަނަ ފަހަރަށް ކައިވެންޏެއް ކޮށްފިއެވެ.

1969 ވަނަ އަހަރު އެޕޯލޯ 11 ސްޕޭސްފްލައިޓުގައި ހަނދަށް ކުރި ދަތުރުގައި، ތާރީޚުގައި ވެސް ހަނދުގައި ހިނގުމުގެ ޝަރަފު ހޯދި ދެ މީހުންގެ ތެރެއިން ބަޒް އަކީ ދެވަނަ މީހާއެވެ. ހަނދުގައި އެންމެ ފުރަތަމަ ފައިޖައްސައި، ހިނގި އިންސާނެއްގެ ޝަރަފު ހޯދާފައިވަނީ އެ މިޝަންގެ ކޮމާންޑަރު، ނީލް އާމްސްޓްރޯންގެވެ.

ބަޒްއާއި އޭނާގެ އައު އަންހެނުން، އަންކާގެ ކައިވެނީގެ ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، މި ކައިވެނި ކޮށްފައިވަނީ ބަޒްގެ 93 ވަނަ އުފަންދުވަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ދެ މީހުންގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ އެމެރިކާގެ ލޮސް އެންޖެލެސްގައެވެ.

93 އަހަރުގެ ބަޒް ކައިވެނިކޮށްފައިވަނީ އޭނާއަށްވުރެ 30 އަހަރު ހަގު، އުމުރުން 63 އަހަރުގެ ޑރ. އަންކާއާއެވެ. ޑރ.އަންކާ އަކީ، ކެމިކަލް އިންޖިނިއަރިންގްއިން ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހެކެވެ. އަދި އޭނާއަކީ ބަޒް އަލްޑްރިންގެ ކުންފުނި، ބަޒް އަލްޑްރިން ވެންޗާސްގެ އެގްޒެކިއުޓިވް ވައިސް ޕްރެޒިޑެންޓު ވެސް މެއެވެ.

ބަޒް އަލްޑްރިންއާއި އޭނާގެ އައު އަންހެނުން ---

ޑރ. އަންކާއާ ކައިވެނިކުރިކަން ހާމަކޮށް ކުރި ޓުވީޓެއްގައި ބަޒް ބުނީ، އޭނާގެ 93 ވަނަ އުފަންދުވަހު، އޭނާއާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ޑރ.އަންކާ ފައުރާއި ކައިވެނިކުރިކަން ވަރަށް އުފަލާއެކު އިޢުލާނުކުރާ ކަމަށެވެ.

އެޕޯލޯ 11 މިޝަންގައި، ހަނދުގައި އެންމެ ފުރަތަމަ ހިނގި މީހުންގެ ގޮތުގައި ނީލް އާމްސްޓްރޯންގްއާއި ބަޒް އެލްޑްރިން ވެގެންދިޔަ މަންޒަރު، 1969 ވަނަ އަހަރު ގާތްގަނޑަކަށް 600 މިލިއަން މީހުން ވަނީ ބަލާފައެވެ.

ބަޒް އަކީ ހަނދަށް ދިއުމުގެ ޝަރަފު ހޯދި 12 މީހުންގެ ތެރެއިން، މިވަގުތު ދުނިޔޭގައި ތިބި ތިން މީހުންގެ ތެރެއިން އެކަކެވެ.

ހަތަރުވަނަ ކައިވެންޏެއްކޮށް އަނެއްކާވެސް ނޫސްތަކުގެ ސުރުހީއިން ބަޒް ޖާގަހޯދާފައިވާއިރު އޭނާ އެންމެފުރަތަމަ ކައިވެންޏެއްކުރީ 1954 ވަނަ އަހަރުއެވެ. ޖޮއާން އާޗާ ނަމަކަށްކިޔާ އަންހެނަކާ ކުރި މި ކައިވެނި ރޫޅުނީ 1974 ވަނަ އަހަރުއެވެ. ޖެހިގެން އައި 1975 ވަނަ އަހަރު ބަޒް ކައިވެނިކުރި ބެވާލީ ޒިލްއާއެކު އޮތް ގުޅުން ވެސް ނިމުމަކަށް އައިސް، އެ ކައިވެނި ރޫޅާލީ އޭގެ ތިން އަހަރުފަހުން 1978 ވަނަ އަހަރުއެވެ. އެފަހުން ދެން އޭނާ ކައިވެންޏެއް ކުރީ 1988 ވަނަ އަހަރުއެވެ. ލޮއިސް ކެނޮން ނަމަކަށްކިޔާ އަންހެނަކާ ކުރި މި ކައިވެނި ރޫޅާލީ 2012 ވަނަ އަހަރުއެވެ.

މި ކައިވެނިތަކުން ބަޒްއަށް ތިން ކުދިން ލިބިފައިވެއެވެ.