މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލުހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 4000 ހައުސިންގ ޔުނިޓްގެ އަގު ހާމަކޮށްފިއެވެ.
މިއީ ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓްްގައި ޖުމްލަ 32 ޓަވަރު ހިމެނޭއިރު، އެއީ 17 ނުވަތަ 18 ފަންގިފިލާ ހިމެނޭ ޓަވަރުތަކެއް ކަމަށެވެ. މީގެތެރެއިން 13 ޓަވަރެއްގެ މަސައްކަތް އަންނަ އޯގަސްޓް މަހަށް ނިންމައި، މީހުން ދިރިއުޅޭވަރު ކުރުމަށް ވެސް އެ ކޯޕަރޭޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ.
މިފެލްޓަތަކުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓާއި ދެ ކޮޓަރީގެ އެޕާޓްމަންޓެވެ. ކޮންމެ އެޕާޓްމަންޓެއްވެސް ތަރައްޤީކޮށްފައިވަނީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަށް، ޖާގަ ތަނަވަސް އަދި ޒަމާނީ ސިފަތައް އެކުލެވޭ ގޮތަށްކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މި 4000 ޔުނިޓްގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓްގެ މަހު ކުއްޔަކީ 13،000 ރުފިޔާ ކަމަށާއި، 2 ކޮޓަރީގެ އެޕާޓްމަންޓްގެ ކުއްޔަކީ 7،000 ރުފިޔާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެންބީސީސީ ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.
މި މަޝްރޫޢު އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ އޮގަސްޓުގެ ނިޔަލަށެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ދެ ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން ދެ ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، ތިން ކޮޓަރީގެ ޔުނިޓުތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.
ހަމަ އެއިރެކޭ އެކަޗެއްނު. ދެން ކޮން ހެވެއް ވާނީ. ލަދުން ބޯހަލާކު
3 ކޮޓަރި 13000 އަށް މާއަގުބޮޑު، 650 އަކަފޫޓްގެ 2 ކޮޓަރި އެޕާޓްމެންޓެއްގެ ކުލި 7000 ކަމަށްވާނަމަ 900 އަކަފޫޓްގެ 3 ކޮޓރިއަށް ނިސްބަތުން ބަހާާލީމަވެސް ޖެހޭނީ 10000 ރުފިޔާ،
މީގެ 10 އަހަރު ކުރިން ބަޔަކު އަޅާފަހުރި ފުލެޓްތައް ނިންމާ ނުލެވުނު ބަޔަކަށް ތިއީ ވާނެ ކަމެއްހެން ހީނުވޭ.