އަންނަ ހޮނިހިރު ދުވަހު ބާއްވާ ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވޯޓުދެއްވާއިރު، މަގުމަތިނުވާގޮތަކަށް އަދި ތަރައްޤީގެ މަޝްރޫޢުތަކައިގެން މެދުނުކެނޑި ކުރިއަށް ދެވޭނެގޮތައް ވޯޓުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
ރައީސް މިފަދައިން ގޮވާލެއްވީ، ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޙަރަކާތުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ އެމްޑީޕީން ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގައި ޞުލްޙައާއި އަމާންކަމާއި ހަމަޖެހުން ގާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. އަދި މި މަސައްކަތަކީ ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމާއި ޝުޢޫރު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ އެމްޑީޕީގެ މަސައްކަތަކީ، ވަކި ރަށެއް ނުބަލައި ހަމަހަމަކަމާއެކު ހުރިހާ ދިވެހި ރައްޔިތުންނަށް އަސާސީ ޚިދުމަތް ފޯރުކޮށްދޭން ކުރަމުންގެންދާ މަސައްކަތްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ މެންބަރުންގެ ކުރިމަތީގައި އޮތީ، މުޅި ރާއްޖެއަށް އެމަނިކުފާނުގެ ސަރުކާރުން ގެންނަ އިޞްލާޙީ ބަދަލުތަކާއި، ތަރައްޤީއާއި، ހޭލުންތެރިކަމާ، އެނޫންވެސް ރައްޔިތުންގެ ކުރިއެރުމަށް ކުރައްވާ މަސައްކަތައްކަމަށާއި އެހެންކަމުން ފަހަތަށް ދާނީތޯ، ނުވަތަ އެކަންކަމާއިގެން ކުރިއަށް ދާނީތޯ އޮތް ސުވާލެއް މެންބަރުންގެ ކުރިމަތީގައި އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއްގޮތަކީ ކުރިއަށްގޮސް، އެ ބާރުމިނުގައި ގޮސް މަގުމަތިވުންކަމަށާއި، ނުވަތަ ސިއްޙަތާއި، ތައުލީމާއި، އެނޫންވެސް އަސާސީ ޚިދުމަތްތަކާއި މިނިވަންކަން ގެނައުމަށް ކުރާ މަސައްކަތައިގެން ކުރިއަށްދިއުންކަމަށެވެ.
ރައީސްގެ ވާހަކަ ފުޅުގައިވަނީ ތަރައްޤީ ގެނައުމަށް ރައްޔިތުންނާއެކު އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމްޑީޕީގެ މެންބަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް އަރުވާފައެވެ.
އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބުކުރެއްވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުނުކޮށް، އޭގެ ފަހުން އަންނަ އިންތިޚާބުތައް ކާމިޔާބު ކުރުމަކީ ދަތި އުނދަގޫކަމަކަށްވާނެކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ފުވައްމުލަކަކީ ޚާއްޞަ ސިޓީއެއްކަމަށެވެ. އަދި ފުވައްމުލަކުގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫޢުތަކަށްވެސް ރައީސް ވަނީ ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމާލައްވާފައިވަނީ ފުވައްމުލަކު ރައްޔިތުން އެދޭ ބަދަލު ގެންނަވާނެކަމަށާއި، އެކަން ކުރެވޭނީ ވެރިކަމުގައި އެމްޑީޕީން ތިބެގެންކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވަމުންނެވެ.