ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގި މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ތައާރަފް ކުރި ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން ހޮވައިފިއެވެ.
ބީއެމްއެލްގެ "ސްޕޯޓްސް" ސްކޮލަރޝިޕް ލިބިފައިވަނީ ހަތް އެތުލީޓަކަށެވެ. އެއީ މަރިޔަމް ރޫޔާ އަލީއާއި، މުޙައްމަދު މިންހާލް ޝާމިންއާއި، މުޙައްމަދު ސާލިމް އަބްދުލް ސަމަދުއާއި، ޝުބާ މުޙައްމަދު ޝަރީފްއާއި، ފާތިމަތު ޖުމާނާ ނިމާލްގެ އިތުރުން މޫސާ މުންސިފް އަޙްމަދު އަދި ލަޔާން މުޙައްމަދު ޝާމިނެވެ.
ބީއެމްއެލުން ބުނީ މި ސްކޮލާޝިޕަކީ، އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ސްކޮލާޝިޕްތަކެއް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ސްކޮލާޝިޕް ލިބޭ އެތުލީޓުންނަށް، ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދޭނެކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.
ސްކޮލާޝިޕަށް ހޮވުނު އެތުލީޓުން އިއުލާންކުރުމަށް މިއަދު ހެނދުނު މާލެ ޓޭބަލް ޓެނިސް ހޯލުގައި ކުރިޔަށް ދިޔަ ހަފްލާގައި އޮލިމްޕިކް ކޮމިޓީގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ، ކާލް ސްޓުމްކަ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުން އަދި ޤައުމީ ކުޅިވަރު އެސޯސިއޭޝަންގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.
މި ސްކޮލާޝިޕަށް ހުޅުވާލީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ. އަދި ސްކޮލާޝިޕަށް އެތުލީޓުން ހޮވާފައިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.