މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ފުވައްމުލައް ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ކޮށްދެއްވި ކަންތައްތަކަށް ބައްލަވައި، އެ މަނިކުފާނަށް ދެއްވާނީ "އޭ ޕްލަސް"އެއް ކަމަށް އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފުވައްމުލަކު މޭޔަރު ވިދާޅުވީ، ފުވައްމުލަކަށް ރާވާފައި ހުރި ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އެދޭކަމަށެވެ.

ރައީސްއަށް އޭ ޕްލަސްއެއް ދެއްވާ ސަބަބު ހާމަކުރައްވައި، އެކަމުގެ މިސާލު ދައްކަވަމުން މޭޔަރު ވިދާޅުވީ، ކުރީގެ ވެރިކަމުގައި 2013 ވަނަ އަހަރު ފުވައްމުލަކުގައި 2.9 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ފެށިކަމަށާއި، އެތައް ފަހަރަކު ހުއްޓުނު އެ މަޝްރޫޢު އަލުން ކުރިއަށް ގެންދަން ޖެހުނުކަމަށެވެ. ނަމަވެސް މިސަރުކާރުން އެރަށުގެ މަގުތައް ތަރައްޤީކުރުން ހުއްޓުމެއް، މެދުކެނޑުމެއްނެތި ކުރިއަށްގެންދާކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ، ފުވައްމުލަކާއި، މުޅި ރާއްޖޭގެ ތަރައްޤީއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިސްކަން ދެއްވާކަމަށެވެ.

އޭނާ ވިދާޅުވީ، ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު އެރަށުގެ މަގުތަށް ތަރައްޤީކުރަން ފަށާނެކަމަށް އެއްވެސް މީހަކު ޤަބޫލު ނުކުރާނެކަމަށާއި، ނަމަވެސް އެ ދުވަސްވަރުވެސް އެ މަޝްރޫޢު އޭގެ އެންމެ ހަލުވި މިނުގައި ކުރިއަށް ގެންދިޔަކަމަށެވެ. އަދި މާލަސްތަކެއް ނުވެ 18.5 ކިލޯ މީޓަރުގެ މަގު ތަރަޤީކޮށް ނިންމާލެވޭނެކަމަށް މޭޔަރު ވިދާޅުވިއެވެ. އެފަދަ ޔަޤީންކަން މިނޫން އެތައް މަޝްރޫޢުއަކަށް އެބައޮތްކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަދި ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން ވެސް ރައީސްއަށް ދެއްވާނީ "އޭ ޕްލަސް"އެއްކަމަށެވެ.

"ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުންވެސް އަދި ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު ދޭނީ އޭ ޕްލަސްއެއް"
ފުވައްމުލަކު މޭޔަރ

މޭޔަރު ވިދާޅުވީ، ރައީސް އާއެކު މަސައްކަތް ކުރައްވަން ވަރަށް ފަސޭހަ ކަމަށާއި، ފުވައްމުލަކުގެ ރައްޔިތުން އެދޭ ކަންކަން ހަމައެކަނި އަޑުއައްސަވާފައި ރައީސް ނިންމަވައި ނުލައްވާކަމަށާއި އެކަމަށް ޢަމަލީ ސިފައެއް ގެނެސްދެއްވާކަމަށެވެ.

މި ފަހަރުގެ ރިޔާސީ ޕްރައިމަރީގައި ފުވައްމުލަކުގެ އަޣުލަބިއްޔަތު ރައީސްއަށް ހޯދައިދޭނެކަމަށް ވިދާޅުވެ މި އަހަރުގެ ރިޔާސީ އިންތިހާބު އެ މަނިކުފާނު ކާމިޔާބު ކުރައްވައި، ފުވައްމުލަކުގެ ރައްޔިތުން އެދޭ ތަރައްޤީ ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޭޔަރު ވިދާޅުވިއެވެ.

ފުވައްމުލަކުގައި މިހާރު ސަރުކާރުން ހިންގަމުންގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި އަދި ކުރިއަށް ރޭވިފައިހުރި މަޝްރޫޢުތަކުގެ ސަބަބުން މޭޔަރު ސިފަކުރެއްވީ ރައީސް ޞާލިޙަކީ ފުވައްމުލަކު ސިޓީގެ ތަރައްޤީގެ ބާނީގެ ގޮތުގައެވެ.