ރާއްޖެފަދަ ކުޑަ އާބަދީއެއް އޮތް ޤައުމަކަށް ބަރުލަމާނީ ނިޒާމަކީ ކަމުދާ ނިޒާމެއް ނޫންކަމަށާއި، އެ ނިޒާމަކުން މުޅި ޤައުމު ބައިބައިވެ ރޫޅިގެން ދިއުމުގެ ފުރުޞަތު އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެންގުޅުއްވާ ތަސައްވުރެކެވެ.

އެހެންނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހިމެނިވަޑައިގަންނަވާހެން ސަރުކާރު ކޯލިޝަނުގެ އިސް ލީޑަރުންނާއި އެމްޑީޕީގެ ގިނަ މެންބަރުންނާއި ޕާޓީތަކާއި ގިނަ ދީނީ ޢިލްމުވެރިންގެ އިތުރުން ގިނަ ރައްޔިތުންވެސް ގެންދަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއިމެދު ދެކޮޅުހަދަމުންނެވެ.

ރައީސް ނަޝީދުގެ ވިސްނުންފުޅާއި އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އީވާ އަބްދުﷲ ވެސް މިފަހުން ވަނީ ވާހަކަދައްކަވާފައެވެ. އެކަމަނާ ވަނީ، ރިޔާސީ ނިޒާމަކީ އެކަމަނާ ގަބޫލުކުރައްވާ ވެރިކަމުގެ ނިޒާމެއް ނޫން ކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ރާއްޖޭގެ ބޮޑުވަޒީރުކަމަށް ކުރިމަތިލައްވާނެކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަނުގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުން، ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ދައްކަވާ ވާހަކަތަކަށް އިޝާރާތްކުރައްވައި، އެ ފަރާތްތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ ވަސީލަތްތައްމަދު، އަތޮޅުތައް އެކަހެރިވެ ބިކަ ވެދާނެ ނިޒާމެއް ކަމަށެވެ. އަދި މިފަދަ ނިޒާމަކުން ފައިދާވަނީ ހަމައެކަނި އާބާދީ ބޮޑެތި ވަސީލަތްތައް ގިނަ ސަރަހައްދުތަކަށްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އަދި ދިވެހިންނަކީ އެއް ނަސްލަކާއި އެއް ދީނެއް ހިއްސާކުރާ އެއް ބައެއް ކަމަށްވީއިރު، މިފަދަ ނިޒާމަކުން ރާއްޖޭގެ އެއްބައިވަންތަކަން ގެއްލިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި އޮތުމަށް އެންމެ ރަނގަޅީ ރިޔާސީ ދަޢުލަތެއްކަން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ވަޞީލަތްތަކަކީ ހުރިހާ ދިވެހި ރައްޔިތުންގެ އެއްޗެހިކަމަށާއި މި ޤައުމު ބައިބައިކޮށް ފޮތި ފޮތި ޖަހާ ވާހަކައަކީ މުޅި ޤަޢުމުގެ މަސްލަޙަތު ގެއްލިގެން ހިނގައިދާނެފަދަ ނުރައްކާތެރި ވާހަކައެއްކަމަށެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނެސް މުޅި ރާއްޖެ ލާމަރުކަޒު ވެގެންދާއިރު އައްޑޫފަދަ ބައެއް އަތޮޅުތައް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ވާހަކަތައް ރައީސް ނަޝީދު މީގެކުރިން ދައްކަވާފައިވެއެވެ. އަދި މިހާރު ދެކެވެމުންދާ ނިޒާމު ބަދަލު ކުރުމުގެ ވާހަކައާއެކު ރާއްޖެ ލާމަރުކަޒުވެގެންދާއިރު އަތޮޅުތައް މައި ސަރުކާރުން މުޅިން ވަކިވެ، މިނިވަން ކަމާއެކު ހިންގުމަށް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ފެކްޝަންގެ ބައެއް ފަރާތްތަކުން ގެންދަނީ ވަކާލާތު ކުރަމުންނެވެ.

ރައީސް ޞާލިޙާއި ރައީސް ނަޝީދާ ދެމެދު ހިޔާލުތަފާތުވުން އުފެދި، ރައީސް ނަޝީދު ފާޅުގައި ރައީސް ޞާލިޙަށް ފާޑުވިދާޅުވާން ފެށީވެސް ވެރިކަން އޮންނަންވީ ނިޒާމާމެދު ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅުގެ ސަބަބުންނެވެ.