ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްފަހު ލަސްތަކެއް ނުވެ ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ގދ. ތިނަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޙަރަކާތުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ތިނަދޫ ކައުންސިލާއި ބައްދަލުކުރައްވާ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އެގޮތުން، ތިނަދޫ ކައުންސިލްގެ މެންބަރުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބޭރު ތޮށި ހިއްކަމުންދާއިރުގައި، ބޭރު ތޮށްޓަށް ބައެއް އިތުރުކުރަން އެދިފައިވާކަން ފާގަކުރައްވާ ރައީސް ވިދާޅުވީ، ކައުންސިލުން އެދިވަޑައިގެންނެވި ގޮތައް އެކަން ކޮށްދެއްވާނެ ކަމަށެވެ.

އަދި ޕިކްނިކް އައިލެންޑެއް ބޭނުންވާ ކަމުގެވާހަކަ ވެސް ކައުންސިލުން ހުށަހަޅައިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެހުރިހާ ކަމެއް އިރާދުކުރެއްވީޔާ އެ ރަށުގެ މަސައްކަތް ނިމިގެންދާއިރު ފެނިގެންދާނެ ކަމަށެވެ.

މީގެއިތުރުން ތިނަދޫގައި "ބަރާބަރު" ސިޓީއަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ނިންމާނެ ކަމަށާއި، އިންތިހާބަށްފަހު ލަސްތަކެއް ނުވެ، ތިނަދޫ، ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވުމަށް އެރަށް ވަޑައިގަންނަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބަރާބަރު ސިޓީއަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ނިންމާނަން އަޅުގަނޑުމެން. މިއަދު އަޅުގަނޑުމެން އެދިފައިވާނެ ކައުންސިލްގެ ދެންހުރި ކަންތައް، އާބާދީގެ އަދަދާއި އެއްޗިހި އަޅުގަނޑުމެންނާއި ހަމައަށް ފޮނުވާލެއްވުމަށް. އިރާދަކުރެއްވީޔާ މި އިންތިހާބަށް ފަހު ލަސްތަކެއް ނުވެ، މި ރަށް ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި އަޅުގަނޑު ބައިވެރިވާނަން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

މީގެއިތުރުން ރައީސް ވަނީ، ތިނަދޫގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާއިރު، މިހާ ހިސާބަށް އެރަށަށް 211 މިލިއަން ރުފިޔާ ހަރަދުކުރެވިއްޖެކަން ފާހަގަަކުރައްވާފައެވެ. އަދި ކުރިއަށް އޮތް މުސްތަގުބޮލުގައި އިތުރު މަސައްކަތްތައް އެރަށުގައި ކުރެވޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަފުޅުގައި، ތިނަދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ތިނަދޫގައި ހައުސިން ޔުނިޓްތައް އިތުރުކުރުމަށް، ސަރުކާރުން މިހާރު މަސައްކަތް ކުރަންމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން އެންމެ ފުރަތަމަ މިރަށަށް ކަނޑައެޅީ 100 ހައުސިންގ ޔުނިޓް. އެހެންނަމަވެސް މިހާރު 200 ހައުސިންގ ޔުނިޓަށް ބަދަލުކޮށް އޭގެ އިތުރުން ހިއްކިތަނުން ގޯތި ދިނުމަށް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ކައުންސިލުން އިއުލާންކުރައްވާނެ. އަދި އޭގެ އިތުރުރަށް ވެސް ހައުސިންގ ޔުނިޓް އިތުރު ކުރުމަށްޓަކައި ފިނޭސް މިނިސްޓަރ އިބްރާހިމް އަމީރް މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުން. ތިބޭފުޅުންނަށް މިހާރު ލިބިފައިހުރި 200 ހައުސިންގ ޔުނިޓްގެ އިތުރަށް ތިބޭފުޅުންނަށް އެކަން ފަހިވެގެންދާނެ".
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް ވަނީ، ޕާޓީ ތެރޭގައި މިއޮތް ޕްރައިމެރީގައި ވޯޓުލައްވާ އިރުގައި މި މަސައްކަތްތަކާއެކު ކުރިއަށްދާނީތޯ، ނޫނީއާ ދާގޮތައް ގޮސް މަގުމަތިވެ މަޑުޖެހިފައި ތިބޭނީތޯ ވިސްނަވާލެއްވުމަށް އެދިލައްވާފައެވެ.

އަދި އެމަނިކުފާނުގެ ސިޔާސަތަކީ ބޮޑު ރަށެއް ކުޑަ ރަށެއް ބާކީ ނުކޮށް، ކުޑަ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ވެސް އަސާސީ ޙިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވެއެވެ.