ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ބެލެވޭ، އެޑާސަން އަރަންޓޭޒް ޑޯ ނަސިމެންޓޯ ނުވަތަ އާންމު ނަމުންނަމަ ޕެލޭ މަރުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ޕެލޭގެ މަރާއެކު އޭނާއާ ގުޅުންހުރި ތަފާތު އެތައް ވާހަކަތަކެއް ބޭރުގެ މީޑިއާތަކުން ގެނެސްދެމުން ގެންދާއިރު، އަނެއްކާ ވެސް މިވަނީ އޭނާއާ ގުޅުންހުރި "ކޮންޓްރޮވާޝަލް" މައުލޫމާތުތަކެއްގެ މައްޗަށް އެކުލެވޭ ރިޕޯޓުތަކެއް މީޑިއާތަކުގައި ދައުރުވާން ފަށާފައެވެ.

މީގެ އަހަރުތަކެއް ކުރިން ޕެލޭ، އޭނާގެ ގޭގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅުނު އަނީސިއޯ މަޗާޑޯ ނަމަކަށްކިޔާ އަންހެނަކާއެކު ކައިވެނިން ބޭރުން ހިންގި ގުޅުމުގެ ތެރެއިން، އޭނާއަށް އަންހެންދަރިއަކު ލިބުނު ވާހަކަތައް މީޑިއާގައި ދައުރުވެފައިވެއެވެ. 1965 ވަނަ އަހަރުގެ ތެރޭގައި އުފަންވި ސަންޑްރާ ރެޖީނާއަކީ އަމިއްލަ ދަރިއެއްނޫން ކަމަށް ޕެލޭ އެތައް ފަހަރެއްމަތިން ބުނެފައިވެއެވެ.

ސަންޑްރާ އަކީ ޕެލޭގެ ދަރިއެއްކަން ސާބިތުކުރުމަށް ޑީއެންއޭ ޓެސްޓު ވެސް ހަދާފައިވާއިރު، އޭގެ ނަތީޖާއިން ވެސް އެއީ ހަގީގަތެއްކަން ހާމަވެފައިވެއެވެ. ޑީއެންއޭގެ ނަތީޖާއަށްފަހު ވެސް ޕެލޭ ވަނީ ސަންޑްރާ އަކީ އޭނާގެ ދަރިއެއްކަމަަށް އިންކާރުކޮށްފައެވެ.

އަމިއްލަ ބައްޕަގެ ލޯބި ނުލިބި، ސަންޑްރާ އަކީ ދަރިއެއްކަމަށް ވެސް ޕެލޭ ބަލައިނުގަތްއިރު، މީގެ 17 އަހަރު ކުރިން ސަންޑްރާ ވަނީ މަރުވެފައެވެ.

އެހެންނަމަ ވެސް، އޭނާގެ މަރަށް 17 އަހަރުވީފަހުން، ޕެލޭ މިވަނީ ކޮންމެވެސް ސިފައެއްގައި ސަންޑްރާއަކީ ދަރިއެއްކަމަށް ގަބޫލުކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޕެލޭ ވަނީ އޭނާ މަރުވެގެންދިޔައިރު، އޭނާގެ ވަސިއްޔަތުގައި، އޭނާގެ މުދަލުން ބައެއް ސަންޑްރާއަށް ދޭން ނިންމާފައެވެ. އަދި މަރުވުމުގެ އެއް ދުވަސްކުރިން ޕެލޭ ވަނީ ސަންޑްރާގެ ދެ ދަރިން، ޕެލޭގެ ކާފަދަރިންނާ ބައްދަލުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕެލޭގެ އިތުރު ދަރިއަކު ހުންނަކަމަށް ޕެލޭ އިންކާރުކޮށްފައިވާއިރު އަދި މީގެކުރިން އެކަން މީޑިއާގެ ސަމާލުކަމަށް އައިސްފައިވާއިރު، ޕެލޭ މަރުވުމުގެ ކުރިން އޭނާ އޭގެކުރިން ބައްދަލުނުވާ ކާފަދަރިންނާ ބައްދަލުކުރި ޚަބަރު މިވަނީ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައެވެ.

އުމުރުން 82 އަހަރުގައި ޕެލޭ މަރުވިއިރު އޭނާ ވަނީ ޖުމްލަ ތިން ކައިވެންޏެއް ކޮށްފައެވެ. އަދި މީގެއިތުރުން ކައިވެނިން ބޭރުގައި ވެސް ގުޅުންތަކެއް އޭނާ ހިންގާފައިވާއިރު، އޭނާއަށް ހަތް ކުދިން ލިބިފައިވެއެވެ.

ޕެލޭ ވެސް އަދި އޭނާ މަރުދުވަހާ ޖެހެންދެން ދަރިއެއްގެ ގޮތުގައި ބަލައިނުގަތް ސަންޑްރާ ވެސް މަރުވެފައިވަނީ ކެންސަރު ބަލީގައެވެ.